އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް ރޭންކިންގައި ފާއިތުވީ 27 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ގައުމީ ކްރިކެޓް ޓީމުން ހޯދި އެންމެ ދަށް ޓެސްޓު ޕޮއިންޓު ރޭންކިންގ ހޯދައިފިއެވެ.

ރޭންކިންގެ ހަވަނައަށް އިނގިރޭސިވިލާތް ވެއްޓިފައިވާއިރު މިއީ ފާއިތުވީ 27 އަހަރުގެ ތެރޭގައި އެގައުމަށް ލިބުނު އެންމެ ދަށް ޕޮއިންޓު ޓޯޓަލް އެވެ.

އިނގިރޭސިވިލާތުން އެންމެފަހުން ކުޅުނު 17 ޓެސްޓުގެ ތެރެއިން މޮޅެއް ހޯދިފައިވަނީ އެންމެ ޓެސްޓަކުންނެވެ. އަދި 9 ޓެސްޓު ނިންމާލީ މޮޅަކާ ނުލައެވެ. މިއާއެކު އިނގިރޭސިވިލާތުގެ މައްޗަށް ޕާކިސްތާންވެސް ވަނީ ރޭންކިންގައި ކުރިހޯދާފައެވެ.

ޕޮއިންޓު ރޭޓިންގައި އިނގިރޭސިވިލާތަށް ލިބެނީ 88 އެވެ. ޕޮއިންޓުދޭ އުސޫލަކީ، ވަކި މުއްދަތެއްގެ ތެރޭގައި ކުޅެފައިވާ މެޗުތަކުން ހޯދާފައިވާ ޕޮއިންޓަށް ބަލައިގެންނެވެ. މިއީ 1995 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތަށް މިހާ ދަށް އަދަދަކުން ޕޮއިންޓު ލިބުނު ފުރަތަމަ ފަހަރެވެ.

އިނގިރޭސި ޓީމުގެ ކެޕްޓަން ބެން ސްޓޯކްސް ބުނީ، ފަހަކަށް އައިސް ޓީމުން ނެރެމުންދާ ނަތީޖާތަކާއިމެދު ހިތްހަމަ ނުޖެހޭ ކަމަށާއި، 17 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވުމަކީ އިނގިރޭސި ޓީމުގެ ތާރީހަށް ބަލާއިރުވެސް ލަދުވެރި ނަތީޖާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ނަތީޖާތައް ބަދަލުކޮށް، އިނގިރޭސިވިލާތުން ކްރިކެޓުގައި އޮތް މަގާމަށް އަލުން ގެނައުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް މިއީ ކުއްލިއަކަށް ގެނެވޭނެ ބަދަލެއް ނޫން ކަމަށާއި، މިކަމަށް ވަގުތު ބޭނުންވާނެ ކަމަށް އަދި މި މުއްދަތުގެ ތެރޭގައި ސަޕޯޓަރުންނާއި މީޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެކަން ސްޓޯކްސް ފާހަގަކުރިއެވެ.