ސެލްޓާ ވިގޯ އަށް ކުޅެމުން އަންނަ ފޯވާޑް ސަންޓީ މިނާގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާއެއް ސާބިތުވެ، 4 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މިނާ އަށް ތުހުމަތުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ކޭމްޕަރ ވޭނެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރިކަމަށެވެ. މީގެއިތުރުން ރޭޕްކުރި އަންހެން މީހާއަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށް އެ އަންހެން މީހާ ކޮށްފައިވާ ތުހުމަތުގެ ސަބަބުން ކޮށްފައިވާ ދައުވާ، މިނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

މި އަންހެން މީހާ ބުނެފައިވާ ގޮތުން މިނާ އޭނަ ރޭޕްކޮށްފައި ވަނީ، މިނާގެ ވަކީލު ގޯލްޑަރ އާއިއެކު މިނާ އާއި ބައްދަލުކުރުމަށް ދިއުމުން ކަމަށެވެ. އަދި މިނާ އޭނާ ރޭޕްކުރިއިރު ގޯލްޑަރ އިނީ ކައިރީގައި ބަލަން ކަމަށާއި، އެކަން ހުއްޓުވުމަށް ގޯލްޑަރ މަސައްކަތް ނުކުރާ ކަމަށްވެސް އަންހެން މީހާ ބުނެފައިވެއެވެ.

މި ޢަމަލު މިނާ ހިންގާފައިވަނީ އޭނާ ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުން ދިޔަ ދުވަސްވަރުއެވެ. އޭނާ އެނބުރި ސެލްޓާ ވިގޯ އަށް ބަދަލުވެފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މި ހުކުމާއެކު ސެލްޓާ ވިގޯ އިންވަނީ އެޓީމުގެ ސްކޮޑުން މިނާ އުނިކޮށްފައެވެ.

މިނާ އާއި ދެކޮޅަށް ސްޕެއިންގެ ދަށު ކޯޓުން ކޮށްފައިވާ ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މިނާ އާއި އޭނާގެ ވަކީލުންގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އުމުރުން 26 އަހަރުގެ ފޯވާޑް ވަނީ ދެފަހަރެއްގެ މަތިން ސެލްޓާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި 150 މެޗު ކުޅެދީފައެވެ. އަދި މި ސީޒަނުގައި ކުޅުނު 40 މެޗުން އޭނާ ވަނީ އެކުލަބަށް 11 ލަނޑުވެސް ކާމިޔާބު ކޮށްދީފައެވެ.