• އަގްސާ މިސްކިތަށް ފަލަސްތީނު މީހުން ވަނަނުދީ މިއަދުވަނީ ބަންދުކޮށްފައި

އިސްރާއީލުގެ އުދުވާނީ ބާރުތަކުން އަލްއަގްސާ މިސްކިތަށް ހަމަލާދީ ފަލަސްތީނުގެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފިއެވެ.

އަގްސާ މިސްތުގެ ހަރިންމަތެރެއަށާއި، ހަރިންމަތެރޭގައި ހުންނަ އަލްޤިބްލި މިސްކިތަށް ހަތިޔާރާއެކު ވަދެގަނެ އިސްރާއީލު ސިފައިންވަނީ މިސްކިތުގެ ދޮރުތަކަށާއި އެއްޗެއްސަށް ގެއްލުންދީ އަދި ރަބަރު ވަޒަނުން ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީފައެވެ.

އަދި ފަލަސްތީނު އެތައް ބަޔަކަށް ބޮޑެތި އަނިޔާތައްކޮށް މިސްކިތާއި، މިސްކިތުގެ ހަރިންމަތެރެއިންވެސް ވަނީ ގަދަކަމުން ބޭރުކޮށްލާފައެވެ.

އަލް ޤިބްލި މިސްކިތަށް މިއަދު ދީފައިވާ ގެއްލުންތައް:

އިސްރާއީލުގެ އުދުވާނުތަކުން މިއަދު އެތައް އަންހެނުންނާއި އަންހެންކުދިންނަށްވެސް ހަމަލާދީފައި ވެއެވެ. އަންހެނެއްގެ ބުރުގާވެސް ދަމައިގެންފައިވާއިރު އަންހެންކުދިން ބިންމައްޗަށް ވައްޓާލައިގެންވެސް އަނިޔާކޮށްފައި ވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު އުދުވާނީ ބާރުތަކުން މިއަދުވަނީ އަގްސާ މިސްކިތުގެ ހަރިންމަތެރޭގައި ފަލަސްތީނުގެ އެތައްބަޔަކަށް އަނިޔާކޮށް 50 ވުރެ ގިނަ ޒުވާނުން ހައްޔަރުވެސް ކޮށްފައެވެ.

ޒަޚަމްވި ފަލަސްތީނު މީހަކަށް އެހީވާން އުޅުނު ރެޑްކްރެސެންޓުގެ މެމްބަރަކަށްވެސް އަނިޔާކޮށް އޭނާވެސް ހައްޔަރުކޮށްފައި ވެއެވެ.

މި މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް، ފަލަސްތީނު ރައްޔިތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓުން އަގްސާ މިސްކިތާއި މިސްކިތުގެ ހަރިންމަތެރެއަށް ވަދެގަނެ ޖަރީމާތައް ހިންގަންފެށީ، ޔަހޫދީ ވަޒަންވެރިން އަޅުކަމެއް ފުރިހަމަ ކުރަން އަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވަންނަން މަގުފަހި ކުރުމުގެ ގޮތުންނެވެ.

ފުރިހަމަ ހަތިޔާރު އަޅައިގެންތިބި އިސްރާއީލު ސިފައިންގެ ހިމާޔަތުގައި 400 އެއްހާ ޔަހޫދީ ވަޒަންވެރިން އަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވަދެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުގެ އުދުވާނުތަކުން އަދިވެސް ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަގްސާ މިސްކިތަށާއި މިސްކިތުގެ ހަރިންމަތެރެއަށް ވަނުމަށްވެސް ހުރަސްއަޅަމުންނެވެ.