މާޒީގައި ރެއާލް މެޑްރިޑު އަތުން ލިބުނު ހިތްދަތިކަމުގެ ބަދަލުހިފަން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށާއި އެކަމަށް ތައްޔާރުކަމަށް ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަތައް ކަށަަވަރުކޮށްފައި ވަނީ ރެއާލް މެޑްރިޑާއި ލިވަޕޫލެވެ. ލިވަޕޫލުން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ވިޔަރެއާލްގެ މައްޗަށް ސެމީ ފައިނަލުގައި ކުރިހޯދައިގެންނެވެ. އަދި ރެއާލް މެޑްރިޑުން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގައި މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ސެމީގައި ވިޔަރެއާލް އާއި ދެކޮޅަށްކުޅެ މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ސަލާހް ބުނީ، ފައިނަލުގައި ބޭނުންވަނީ ރެއާލް އާއި ދެކޮޅަށް ކުޅެން ކަމަށެވެ. ސަލާހް މިހެން ބުނި އިރުގައި މެންޗަސްޓަރ ސިޓީ އާއި ރެއާލްގެ ސެމީ ދެވަނަ ލެގު ކުޅެފައެއް ނުވެއެވެ. ފުރަތަމަ ލެގުގައި ސިޓީން 3-4 ގެ ނަތީޖާއަކުން ރެއާލް ބަލިކޮށްފައިވާއިރު، އޭރު ރެއާލް އަށް ފައިނަލަށް ދިއުމަށް އޮތީ ހަނި ފުރުސަތެކެވެ.

އެހެންނަމަވެސް ބުދަ ދުވަހުގެރޭ ރެއާލް މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި ސިޓީގެ މައްޗަށް 1-3 އިން ކުރިހޯދައިގެން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިއާއެކު ސަލާހް ބޭނުންވާ ގޮތަށް ރެއާލް އާއި ދެކޮޅަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ރެއާލް އިން ބޮޑު މޮޅެއް ހޯދާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި މެޗަށްފަހު ކުރި ޓުވީޓެއްގައި ސަލާހް ބުނެފައިވަނީ، ރެއާލްގެ ކިބައިން ބަދަލު ހިފުމުގެ ފުރުސަތު މިއޮތީ ލިބިފައި ކަމަށެވެ.

ސަލާހް މިހެން ބުނެފައިވާއިރު، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް އާއި ދެކޮޅަށްކުޅެ ލިވަޕޫލް ވަނީ ބަލިވެފައެވެ. އަދި އެފަހަރުގެ ފައިނަލުގައި ސަލާހް އަށް މެޗު ފުރިހަމައެއްވެސް ނުކުރެވުނެވެ. ސަބަބަކީ މެޗުގެ ތެރެއިން ރެއާލްގެ އޭރުގެ ކެޕްޓަން ސާޖިއޯ ރާމޮސް ކުރި ފައުލަކާއި ގުޅިގެން ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުން އިތުރަށް ކުރިއަށް ނުގެންދެވުނީތީއެވެ.

ރެއާލް މެޑްރިޑާއި ލިވަޕޫލްގެ ކުރިމަތިލުން ފެނިގެންދާނެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެވެ.