ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތުގެ މި ސީޒަނުގެ އެޑިޝަންގައި ބުދަ ދުވަހުގެރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް އަތުންވީ ބައްޔާއެކު މެންޗަސްޓަރ ސިޓީ އަށް މުބާރާތުން ވަކިވާން ޖެހުނުއިރު، އެޓީމުގެ ކޯޗަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ނާކާމިޔާބު ކޯޗުގެ ލަގަބު ލިބިއްޖެއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅެ ސިޓީން ވަނީ ރެއާލް މެޑްރިޑުގެ މައްޗަށް 3-4 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މިއާއެކު މިފަހަރުގެ މުބާރާތުގެ ފައިނަލުގައި އެޓީމު ވާދަކުރާނެކަމަށް ގިނަބަޔަކު ގަބޫލުކުރިއެވެ.

އެހެންނަމަވެސް ސިޓީގެ އުންމީދުތައް ނިމުމަކަށް ގެނެސް ދެވަނަ ލެގުގައި ރެއާލް އިންވަނީ ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުން ސިޓީ ބަލިކޮށް މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.

މި ބައްޔާއެކު ސެމީ ފައިނަލާއި ހަމައިން ގާޑިއޯލާގެ މެންޗަސްޓަރ ސިޓީ މުބާރާތުން ކެޓިއިރު މިއީ، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް މުބާރާތުގެ ސެމީ ފައިނަލާއި ހަމައިން ކެޓި 6 ވަނަ ފަހަރެވެ.

ގާޑިއޯލާގެ މި ނާކާމިޔާބީގެ ރެކޯޑު އޭނާ ގާއިމްކުރިއިރު، އޭނާ މި ނާކާމިޔާބީތައް ހޯދާފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅަ ކުލަބުތަކާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއިއެކު ތިން ފަހަރަށް (2013/2014، 2014/2015، 2015/2016) ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ހަމައިން ވަކިވާން ޖެހުނުއިރު، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ވަރުގަދަ ބާސެލޯނާ ވެސް ވަނީ ދެފަހަރެއްގެ (2009/2010، 2011/2012) މަތިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ހަމައިން ކަޓާފައެވެ. އަދި އެންމެފަހުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ކަންވެސް ހޯދި މެންޗަސްޓަރ ސިޓީ އާއިއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުންވެސް ގާޑިއޯލާ އަށްވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.

ގާޑިއޯލާގެ އިތުރުން ދުނިޔޭގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ ހޯސޭ މޮރީނިއޯ ވެސް ވަނީ އެކު ޓީމުތަކާއެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ހަމައިން ޖުމްލަ 6 ފަހަރަކަށް ކަޓާފައެވެ. އެހެންކަމުން މޮރީނިއޯ އާއި ގާޑިއޯލާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ނާކާމިޔާބު ދެ ކޯޗުންނަށެވެ.