އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކްލަބް ވެލެންސިއާގެ މައްޗަށް މުހިންމު މޮޅެއް ހޯދައިފިއެވެ.

ސަސް އަތުން ވެލެންސިއާ ބަލިވިއިރު އެންމެފަހުން ދިވެހި ލީގުގައި އެޓީމުން ކުޅުނު ހަ މެޗުގައިވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ވެލެންސިއާ ބަލިވެފައިވާއިރު އެއްމެޗުވީ އެއްވަރެވެ. އެއްވަރުވެފައިވަނީ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ވެލެންސިއާ އެންމެ ފަހުން މޮޅުވީ މާޗް މަހުގެ އަށް ވަނަ ދުވަހު ލީގުގެ ފުރަތަމަ ބުރުގައި ސަސް އަތުންނެވެ. މި މުއްދަތުގެ ތެރޭގައި ވެލެންސިއާ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 0-13 އިންވެސް ބަލިވެފައެވެ.

ދިވެހި ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ދެމިއޮތް ވެލެންސިއާ އަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ. އެގޮތުން މާލީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ހުރިއިރު، އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބި ކުޅުންތެރިންވެސް އެބަ ތިއްބެވެ. އެހެންނަމަވެސް އެންމެފަހުން ވެލެންސިއާ ކުޅުނު ހަ މެޗުގައިވެސް ގޯލުން ފެނިފައިނުވާ އިތުބާރު ކީޕަރު މުހައްމަދު ފައިސަލް ވަނީ މިއަދުގެ މެޗުގައި ކުޅެފައެވެ.

ނަތީޖާ ނެރުމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވެލެންސިއާ އަށް ސަސް އަތުން ނާކާމިޔާބީ އާއި ކުރިމަތިވީ ބުރާސްފަތި ދުވަހުގެ ހަވީރު 0-2 އިން ބަލިވެގެންނެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ކުރީކޮޅުން ފެށިގެން ސަސް އިންވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނިޓްގައި ސަސްގެ އަހުމަދު ނަޝާހު (ނައްޓު) ހުސްކޮށްލާފައި އޭރިއާތެރެއިން އެ ޓީމުގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) އަށް ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ. އިއްބެ އަށްވަނީ މެޗުގެ ހަތަރުވަނަ މިނެޓުގައިވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ލިބުނު ފުރުސަތުގެ ބޭނުންހިފުން ލަސްވުމުގެ ސަބަބުން މި ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ.

ވެލެންސިއާ އިން މެޗުގައި މަޑުމަޑުން ގޭމުގެ ތެރެއަށް ވަންނަމުންދިޔައިރު 20 މިނެޓުވީފަހުން އެޓީމުން ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް މި ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުންވެސް ނިންމާލީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ސަސް އިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ދެވަނަ ހާފުގައި މެޗުގެ 68 ވަނަ މިނެޓުގައެވެ. މިއީ އޭރިއާގެ ރޮނގުކައިރިން ފޮނުވާލި ހަމަލާއެއް ވެލެންސިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޮސް ގޯލުގެ ތެރެއަށް ވަން ބޯޅައަކުން ނަސޫހު ރަޝީދު (ޕިލާ) ކާމިޔާބުކުރި ލަނޑެކެވެ.

އަދި މެޗުގައި އެޓީމުން ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވާން 7 މިނެޓަށްވެފައި ވަނިކޮށެވެ. މިލަނޑުވެސް ސަސް އަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ޕިލާ އެވެ.

ސަސް ވަނީ މި މޮޅާ އެކު ލީގުގެ ތިން ވަނަ އަށް ޖެހިލާފައެވެ. އެއީ ހަތަރު ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެއްވަރަށް ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުންވެސް އެއްވަރުވެގެންނެވެ. ސަސް އާއި ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ސަސް އިން 11 މެޗު ކުުޅުނުއިރު، ޔުނައިޓެޑް ވިކްޓްރީ ކުޅުނީ 10 މެޗެވެ. ޔުނައިޓެޑް ވިކްޓްރީން މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭނެއެވެ.

ވެލެންސިއާ ފަސް ވަނައިގައި އޮތީ 11 މެޗުން 13 ޕޮއިންޓާ އެކުއެވެ.