ޔޫއެފާ ޗެމްޕިއަސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑުން މެންޗަސްޓަރ ސިޓީގެ މައްޗަށް ހޯދި ހައިރާން ކުރަނިވި މޮޅު، ރެއާލް އާއި ވާދަވެރި ބާސެލޯނާއަށް ގާތްގަނޑަކަށް 21 އަހަރު ވަންދެން ކުޅެފައިވާ އެޓީމުގެ ކުރީގެ ތަރި ލިއޮނަލް މެސީ އަށް ގަބޫލުކުރަން ދަތިވެއްޖެއެވެ.

2000 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯ އާއި ހަމައަށް ބާސާގައި ކުޅެފައިވާ ލިއޮނެލް މެސީ އެޓީމު ދޫކޮށްލީ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެއްބަސްވުން އައު ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް ހިލޭ ޓްރާންސްފަރ އެއްގެ ދަށުން މެސީ ބަދަލުވިނަމަވެސް، ތަކުރާރުކޮށް މެސީ އަންނަނީ ބާސާ ދެކެ ލޯބިވާ ކަމާއި، ކެރިއަރު ނިންމާލުމުގެ ކުރިން އެކުލަބަށް އަދި ކުޅެން ބޭނުންވާކަން އަދި ކުޅުން ހުއްޓާލިނަމަވެސް، ޓެކްނިކަލް ސްޓާފެއްގެ ގޮތުގައި ނަމަވެސް ބާސާގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނަމުންނެވެ.

ބާސާއަށް މެސީގެ ހިތުގައި ދެވިފައިވާ ލޯބީގެ ސަބަބުން، ރެއާލް ވެފައިވަނީ އޭނާއަށްވެސް ވަރަށް ވާދަވެރި ޓީމަކަށެވެ. މިއާއެކު ސިޓީގެ މައްޗަށް ރެއާލް އިން ހޯދި މޮޅުވީ، މެސީ އަށްވެސް ތަފާތު އިހުސާސްތަކެއް ކުރުވި މޮޅަކަށެވެ.

މި މޮޅާ ބެހޭގޮތުން ސިޓީ އަށާއި ބާސާއަށްވެސް ކުޅެ، މިހާރު ފުޓުބޯޅައިން ރިޓަޔަރ ކޮށްފައިވާ އަގުއެރޯ އާއި މެސީ ވަނީ މަޝްވަރާކޮށް ވާހަކަދައްކާފައެވެ. މި ވާހަކަތަކުގެ ތެރެއިން އަގުއެރޯ ފޮނުވި މެސެޖަކަށް ރިޕްލައި ކުރަމުން މެސީ ބުނީ، ސަކަރާތް ޖެހުން ހުއްޓާލުމަށާއި، މިއީ ހަގީގަތަކަށް ނުވާނެ ކަމަށެވެ.

"ސަކަރާތް ޖެހުން ހުއްޓާލާ، ތިއީ ހަގީގަތަކަށް ނުވާނެ"
އަގުއެރޯ އަށް މެސީ ފޮނުވި މެސެޖު

މި މެސެޖު މެސީ ކުރުމުން ދޭހަވަނީ އޭނާ މެޗު ނުބަލާ ކަމާއި، މެޗުގައި ރެއާލް އިން ހޯދި މޮޅުގެ މައުލޫމާތު އޭނާއަށް ލިބުނީ އަގުއެރޯ އެކަން އޭނާ އާއި ހިއްސާކުރުމުން ކަމެވެ.

މެސީގެ އިތުރުން އާޖެންޓީނާ އާއި މެންޗަސްޓަރ ސިޓީގެ ލެޖެންޑް ކާލޯސް ޓެވޭޒް އަށްވެސް ރެއާލްގެ މޮޅު ވީ ގަބޫލު ކުރަން ދަތި ކަމަކަށެވެ. އެގޮތުން އީއެސްޕީއެންގެ މެޗު ކަވަރޭޖުގައި ވާހަކަދައްކަމުން ޓެވޭޒް ވަނީ މިއީ ގަބޫލުކުރަން ދަތި ކަމެއް ކަމަށާއި، މިފަދަ ގޮތަކަށް ދެން ކާމިޔާބީ ނުހޯދޭނެ ކަމަށްވެސް ބުނެފައެވެ.

މި ސީޒަނުގައި ޕީއެސްޖީ އާއި ގުޅި، އެންމެ މޮޅު ކުޅުން އަދި މެސީއަށް ދެއްކިފައި ނުވި ނަމަވެސް ކުލަބާއެކު އޭނާ ވަނީ މި ސީޒަނުގެ ފްރެންޗް ލީގު ކާމިޔާބު ކޮށްފައެވެ. މި ސީޒަނުގައި މިހާތަނަށް މެސީއަށް ޕީއެސްޖީގެ ޖާޒީގައި ކުޅުނު 31 މެޗުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 9 ލަނޑެވެ.

ބާސާގައި އެންމެފަހުން މެސީ ކުޅުނު ސީޒަނުގައި ވަނީ 47 މެޗުން 38 ލަނޑު ކާމިޔާބު ކޮށްފައެވެ. ކެރިއަރުގައި މެސީ ވަނީ ބާސާއަށް ކުޅެދިން 809 މެޗުން 681 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާ ވަނީ 316 އެސިސްޓުވެސް ކޮށްދީފައެވެ.

ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެލަންޑޯ އެވޯޑު ޖުމްލަ 7 ފަހަރަށް ކާމިޔާބު ކޮށްފައިވާ މެސީ ވަނީ ބާސާ އާއިއެކު ސްޕެނިޝް ލަލީގާ 10 ފަހަރު، ކޮޕާ ޑެލްރޭ 7 ފަހަރު، ސްޕެނިޝް ސުޕާ ކަޕް 7 ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު 4 ފަހަރަށް، ޔޫއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް 3 ފަހަރަށް ކާމިޔާބު ކޮށްފައެވެ.

ބާސާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި މެސީ ހޯދާފައިވާ އިންޑިވިޖުއަލް އެވޯޑުތަކަށް ބަލާލާއިރު، އޭނާ ވަނީ ބެލަންޑޯ އެވޯޑު ހަތްފަހަރަށް ހޯދުމުގެ އިތުރުން، ފީފާ ވޯލްޑް ޕްލެޔަރ އޮފްދަ އިޔަރ އަދި ދަ ބެސްޓް ފީފާ މެންސް ޕްލެޔަރ އެވޯޑު އެއްފަހަރަށް ހޯދާފައެވެ. އަދި ޔޫރަޕިއަން ގޯލްޑަން ބޫޓު 6 ފަހަރު، ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަ ފަހަރަށް ހޯދާފައެވެ.