ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިންޒާރުދިން މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، ކުރީގެ ރައީސް ޔާމީނަށް އަމާޒުކޮށް މީސްމީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި އިންޒާރު ދީފައިވާ ކަމަށް ބުނާ މައްސަލައެއް މިމަހުގެ ދެވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލައިދިނުމަށް އިތުރު ސިޓީއަކުން މިމަހުގެ ތިން ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ސިޓީ ތަކާއި ގުޅިގެން މި މައްސަލައިގައި ބަލަންޖެހޭ ކަންކަން މިހާރު އެ މުއައްސަސާއިން ބަލަމުންދާ ކަމަށެވެ.

މޯލްޑިވްސް ޔޫތު ފޯސް ނަމުގައި ހުޅުވާފައިާ އެކައުންޓަކުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ، މިގައުމުގައި ކުރިން ވެރިކަން ކޮށްފައިވާ ބޭފުޅަކު އަނެއްކާވެސް ގައުމު އިނދަޖައްސާލާ، ލޫޓުވާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ދިފާއީ ބާރުތައް ވަކި ގައުމެއްގެ ދަށުވެފައިވާ ކަމަށް ދޭހަވާ މޭރުމުން ތުހުމަތުތަކެއް ކޮށް، ވަކި ފަރުދެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތްކޮށް ޕްރޮމޯޓު ކުރުމަށް ދޮގު ހަދަމުންދާ ކަމަށް ބުނެފައިވެއެވެ.

އަދި އެމްވީ ޔޫތް ފޯސް އިން ނުކުންނަނީ އެ ބޭފުޅަކު "ސައިޒް" ކުރުމަށް ކަމަށްބުނެ ވަރުގަދަ އިންޒާރެއް ދީފައިވެއެވެ.

މި ވީޑިއޯގައި ވަކި ފަރާތެއްގެ ނަން ހާމަ ނުކުރިނަމަވެސް، ވީޑިއޯގައި އެކި ފަހަރުމަތިން، ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ހަރަކާތްތަކުގެ އެކި މަންޒަރު ހިމަނާފައިވެއެވެ. އަދި މި ވީޑިއޯ އާންމުކުރުމަށްފަހު މިމަހުގެ ތިންވަނަ ދުވަހު މި ފަރާތްތަކުން ވަނީ ރައީސް ޔާމިން ދިރިއުޅުއްވަމުން ގެންދަވާ ހ. ދޫވެހި ކައިރިއަށް އެއްވެސް މުޒާހަރާވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ލައިގެން ހުރީ "މޯލްޑިވްސް ޔޫތު ފޯސް"، މިހެން ޖަހާފައިވާ ޓީޝާޓު ތަކެކެވެ.

މި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންނާއި ރައީސް ޔާމީނަށް ތާއީދު ކުރާ ބައެއް ފަރާތްތަކާއި ދެމެދު ކުރިމަތިލުންތަކެއްވެސް ހިނގާފައިވެއެވެ.

މުޒާހަރާއަށްފަހު އަނެއްކާވެސް އެމްވީ ޔޫތު ފޯސްގެ އެކައުންޓުން ވަނީ ވީޑިއޯ އެއް އާންމުކޮށްފައެވެ. މި ވީޑިއޯގައި ބުނެފައިވަނީ، ކުރިންވެސް ބުނިހެން މަގުމައްޗަށް ނުކުތީ ސުލްހަވެރި އިހްތިޖާޖެއް ކުރަން ކަމަށާއި ރައީސް ޔާމީން ހުއްޓުވަން ކަމަށެވެ.

އެހެންނަމަވެސް މި މުޒާހަރާގެ ތެރެއިން ފެނިގެންދިޔައީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ބައިވެރިންގެ ފިނޑިކަން ކަމަށެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާއި އެއްވުމުގެ ބައިވެރިންނަށް އެފަރާތްތަކުން ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ފެނިގެން މިދިޔައީ އެމްވީ ޔޫތު ފޯސް އިން ކުރިއަށް ރާވާފައިވާ ކަންކަމުގެ ކުޑަ މިންވަރެއް ކަމަށްބުނެ ވީޑިއޯގައި ވާހަކަދެއްކި ފަރާތުން ބުނީ މިއީ އަދި "ކޯރެއްގެ ކޯވަރެއް" ކަމަށެވެ.

މޯލްޑިވިއަން ޔޫތު ފޯސް އިން މަސައްކަތް ކުރަމުން އަންނަނީ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށެވެ.