ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް 4.6 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުޟޫއަށް އދގެ އާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ ތަގުރީރުގައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި ނޭދެވޭ އަސަރުތައް ބަޔާންކުރައްވަމުން ޤައުމުގެ ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ދަށަށް ދިޔައިރު، 4.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގައި ފަތުރުވެރިކަން ގާއިމުކުރެވިފައިވާ ގޮތަށް އަލިއަޅުވާލައްވަމުން އެއީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖޭގެ ބޮޑުމިނާއި އޮންނަ ސަރަޙައްދާއި އަދި ތަރައްގީއަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވީ ފަހުން ފަންސާސް އަހަރު ވީއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީ.ޑީ.ޕީގެ 45 އިންސައްތަ ޙިއްސާކުރާ އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އައުމުގެ މައިގަނޑު ބާރަކަށް ވެގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވި. އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުސަތު ލިބި، ރާއްޖޭގެ އިގްތިސާދު އަންނަނީ ރަނގަޅުވަމުން. އަދި 2021 ވަނަ އަހަރު އަމާޒުހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 އިންސައްތަ އިތުރަށް ވަނީ ހާޞިލުކުރެވިފަ."
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް

އަދި މިކަމުގައި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ޤާނޫނެއް މި ސަރުކާރުން ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާ ކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާޢަތުގެ ސަރވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަންޖެހޭގޮތަށް ޤާނޫނެއް ވުޖޫދަށް ގެނެސްފައިވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި، ޖަޒީރާ ވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ޚާއްސަކޮށް މި ސިނާޢަތުގައި އަންހެނުންނާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން އަންނަ ކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނަކީ، ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ކޮވިޑް-19 އިން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފަތުރުވެރިކަމަކީ މައިގަނޑު ދައުރެއް އަދާކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވައި މެމްބަރު ގައުމުތަކާއި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ނައިބު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސް ސާލިޙްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރެއްވި ކަމަށެވެ.