ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަނީ އެމަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމަށް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނީ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުރިހަމަކުރުމަށް ގޮވާލައި ނެރުނު ނޫސްބަޔާނުގައެވެ.
އެ ބަޔާނުގައި ވަނީ މެއި 6، 2021ގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެ ޕާޓީން މަރުހަބާކިޔާ ކަމަށާއި އެފިޔަވަޅުތަކާމެދު އިދިކޮޅުފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަގުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހާތަނަށް ހިންގި ތަޙުޤީގުން އެނގޭ ކަމަށް އެމްޑީޕީން ބުނެއެވެ.
އަދި، މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާކަން ފާހަގަކޮށް އެމްޑީޕީން ބުނީ މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުޤީޤަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭ ކަމަށްވެސް އެޕާޓީން ދެކޭ ކަމަށެވެ.
އެމްޑީޕީން ވަނީ އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުގީގު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް އިލްތިމާސްކޮށްފައެވެ.