މެއި މަހުގެ 6 ވަނަ ދުވަސް ދިވެހިރާއްޖޭގެ ތާރީޚުގައި ގުނާލެވެނީ ގައުމަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ގޮތުގައެވެ. މި އަމާން ފަސްގަނޑަށް ލޮޅުން ގެނުވި ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. މީގެ އެއް އަހަރު ކުރިން، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ނުބައި ނިޔަތުގައި ދެވުނު ނިރުބަވެރި ހަމަލާއަކީ އެތައް ބައެއްގެ ހިތްތަކަށް ބިރުވެރިކަން ގެނުވި، މުޅި ގައުމު ސިއްސުވާލި ހާދިސާއެކެވެ.

މިއާއެކު އެންމެންނަށްވެސް ކުރެވުނީ ސުވާލުތަކެކެވެ. މިކަން ކުރީ ކޮންބައެއް ހެއްޔެވެ؟ ގައުމެއްގެ ސިޔާސީ ލީޑަރަކަށް މިފަދަ ހަމަލާއެއް ދިން އިރު އެކަކަށްވެސް ހިލަމެއްވެސް ނުވޭބާއެވެ؟ މިވަރު ކަމެއް ކުރެވުނީ ކިހިނަކުން ހެއްޔެވެ؟

ކޮންމެއަކަސް، ހަމަލާއަށްފަހު އިދާރާތަކުން އަވަސްވެގަތީ ކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގު ހިންގުމަށެވެ. ހަތް ގަޑިއިރުގެ ދިގު ޖަލްސާއަކަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި، އެމަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުން އެތައް ކަމެއް ހާމަވެގެން ދިޔައެވެ.

ހާދިސާ ހިނގާދިޔުމުގައި އެތައް އިހުމާލެއް ފާހަގަކޮށްފައިވެއެވެ. ކޮމިޓީގެ ފަރާތުން ސަރުކާރަށް ހުށަހަޅުއްވާފައިވާ ރިކޮމެންޑޭޝަންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރުމަށާއި، އެކަންކަން ސަރުކާރުން ކުރަމުންދޭތޯ މަޖިލީހުން ގާތުން ބަލަމުން ގެންދިޔުމަށް ރިޕޯޓުގައި ގޮވާލާފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ހަރަކާތްތެރިވި 9 މީހެއް ހައްޔަރުކޮށްފައިވާއިރު، މިހާތަނަށް ޝަރީއަތް ނިމިފައިވަނީ އެންމެ މީހެއްގެއެވެ. އެކި ސަބަބުތަކާހުރެ ދައުލަތުން ދައުވާ އުފުލާފައިވާ ބާކީ ތިބި 8 މީހުންގެ މައްސަލަ އަދިވެސް އޮތީ ކޮޅެއްގައި ނުޖެހިއެވެ. ތަހުގީގަށްފަހު ސަރުކާރުން އޭރު ބުނީ މި ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ.

ސަރުކާރުން ބުނަމުން ގެންދިޔައީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ނެގި ކަމަށެވެ. އެގޮތުން، ހަމަލާގެ ތަހުގީގު ކުރިއަށް ދާގޮތް ގާތުން ބެލުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހާއްސަ މަންދޫބެއްވެސް އައްޔަންކުރެއްވިއެވެ. ތަހުގީގުގެ ފުރަތަމަ ބައި ނިންމާލުމަށްފަހު ރައީސްގެ ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވަނީ ދެން ކުރިޔަށްގެންދާނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުންކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ބަޔަކު ހަމަލާދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވި ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް މިހާތަނަށް ފެންނަން ނެތް ކަމަށާއި، ހަމަލާ ދިނީ އެމަނިކުފާނަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމަލާއާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއީ 2019 ވަނަ އަހަރުން ފެށިގެން ރާވަމުން އައިސް، މިކަމަށް އެތައް ހަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން، ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރި ސައިކަލް ގަންނަން 18،000ރ. ހަރަދު ކުރިކަމާއި، ސައިކަލް މަރާމާތު ކުރުމަށް ވޯކްޝޮޕަކަށް ގެންގޮސް އެކަމަށް ވެސް ހަރަދުތަކެއް ކުރި ކަމާއި، އޭގެއިތުރުން ހަމަލާ ރޭވުމުގެ ކަންކަމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފައި، އެ ތަނަށް ހަރަދު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ.

ދައުލަތުން ދައުވާ އުފުލާފައިވާ ބައެއް މީހުން ސަރުކާރުން ދެމުންދާ އިންކަމް ސަޕޯޓް އެލަވަންސް ނަގަމުން ދިޔަކަން ފުލުހުން ހޯދި ހޯދުންތަކުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް ހަމަލާދޭން ބަޔަކު ފައިސާ ހުށަހަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައި ވީނަމަވެސް، އެވާހަކައާއި ގުޅުވާދޭނެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައެއްވެސް ނުވެއެވެ.

އަދި ހަމައެހެންމެ، ބޮން ގޮއްވާލި މީހުންގެ ވަކީލުންނާ ގުޅޭގޮތުންވެސް ތަފާތުވާހަކަތަކެއް އޭރު މީސްމީޑިއާގައި ދެކެވިފައިވެއެވެ. މައްސަލާގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންނަށް ވަކީލުން ހަމަޖެއްސީ ކޮންބައެއްކަން، ޚުދު ހައްޔަރުކޮށްފައިވާ މީހުންނަށްވެސް ނޭނގޭ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ޢާއިލާތަކަށްވެސް މިކަން އެނގިފައިނުވާކަމުގެ އަޑުތައް ފެތުރި، ހަމަލާއަށް ފަންޑުކުރި މީހުން އެނގޭނެ ކަމަށް ބުނެ ބައެއް މީހުންނަށް ފާޅުގައި ތުހުމަތުވެސް ކޮށްފައިވެއެވެ.

ހަމަލާގައި ޢަމަލީގޮތުން ބައިވެރިވި މީހުން ސަލާމަތްކުރަން މަސައްކަތްކުރަނީ، ހަމަލާ ރޭވުމަށާއި ގާނޫނީ ވަކީލުންނަށް ފަންޑުކުރި މީހުންތޯ ސުވާލު އުފައްދަވައި ވަކީލުންނަށް ފަންޑުކުރި މީހުން ހޯދާ އާންމުކުރަން ޖެހޭ ކަމަށާއި، ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ގޮވާލާފައެވެ.

މިވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަމަލާއަށް ފަންޑުކުރީ ވަކިބައެއް ކަމަށް ގަބޫލުކުރައްވާނީ ތަހުގީގުން އެކަން ހާމަވެ، ކޯޓުގައި ސާބިތުވުމުން ކަމަށެވެ.

ހަމަލާއަށް ފަނޑުކުރި މީހުންގެ ވާހަކަ އެތައް ފަހަރެއްގެ މަތީން ފެންމަތިވެފައި ވީނަމަވެސް މިހާރު އެއީ ނުދައްކާ ވާހަކައެކެވެ. އެދުވަހު ގޮއްވާލި ބޮމަށް އެއް އަހަރު ފުރުނު އިރު، ހަމަލާގެ އަޑީގައި އިތުރުބައެއް ނެތް ފަދައެވެ. ފަންޑުކުރި ބައެއް ނުވެސް ހައްދަވައެވެ. ހަމަލާގެ ތަހުގީގު ހަމަ އެހާ ފުރިހަމަ ތޯ އެވެ؟ ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރި ބަޔަކު ހޯދުމަށް އެންމެ ގަލެއްވެސް ނުފުރޮޅާ ދޫކޮށްނުލާނެ ކަމަށް ވިދާޅުވި ބޭފުޅުން މިހާރު އެތިއްބެވީ ހަމަ ހުރިހާ ގަލެއް ފުރޮޅައި ނިންމައިގެންތޯ އެވެ؟