އަލަށް ތައާރަފްކުރި ޔޫރަޕާ ކޮންފަރެންސް ލީގުގެ ފައިނަލްގެ ޖާގައެއް އިޓަލީގެ ރޯމާ އަށް ކަށަވަރުވުމާއެކު އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އުފަލުން ރޮވިއްޖެއެވެ.

މިމަހުގެ 25 ވަނަ ދުވަހު ކުޅޭ ޔޫރަޕާ ކޮންފަރެންސް ލީގުގެ ފައިނަލުން ރޯމާ ޖާގަ ހޯދީ ބުރާސްފަތި ދުވަހުގެރޭ ލެސްޓަރ ސިޓީގެ މައްޗަށް ސެމީ ފައިނަލުގައި ކުރިހޯދައިގެންނެވެ. ރޯމާ ވަނީ ސެމީ ފައިނަލުގެ ދެލެގުގެ އެގްރިގޭޓުން 1-2 އިން ކުރިހޯދާފައެވެ.

ސެމީގެ ފުރަތަމަ ލެގު 1-1 އިން އެއްވަރުވިއިރު ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅެ ރޯމާއިން ވަނީ 0-1 އިން ލެސްޓަރ ބަލިކޮށްފައެވެ. މެޗުގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓެމީ އަބްރަހަމް އެވެ. އަބްރަހަމް ވަނީ މި ސީޒަނުގެ ސެރިއާ އޭގައި ރޯމާއަށް 15 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މުބާރާތުގެ ފައިނަލުގައި ރޯމާ ނުކުންނާނީ ނެދަލެންޑްސްގެ ފައިނޯޑް އާއި ދެކޮޅަށެވެ. ފައިނޯޑް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގެ ދެލެގުގައި 2-3 ގެ އެގްރިގޭޓް އިން ފްރާންސްގެ މާސޭގެ މައްޗަށް ކުރިހޯދައިގެންނެވެ. މިމަހުގެ 25 ވަނަ ދުވަހު މި ފައިނަލް ކުޅޭނީ އަލްބޭނިއާގެ ޓިރާނާގައެވެ. މިއީ 1991 ވަނަ އަހަރަށްފަހު ޔޫރަޕިއަން ފައިނަލެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ވާހަކަދައްކަމުން މޮރީނިއޯ ބުނީ މިއީ ރޯމާއަށް ޔޫއެފާ ޗެމްޕިއަންސް ލީގު ފަދަ މުބާރާތެއް ކަމަށާއި، ފައިނަލަށް ދަތުރުކުރުމުން ވަރަށް އަސަރު ކުރުވައިފި ކަމަށެވެ.

އަދި ރޯމާ އަކީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކާއި އަޅާ ބަލާއިރު އާދައިގެ ޓީމެއް ކަމަށާއި، މިގޮތަށް ކަންކަން އޮއްވާވެސް ޕްރިމިއަރ ލީގުގައި ކުޅޭ ކުލަބެއް ބަލިކޮށް ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރުކުރުން މިއީ ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.

ރޯމާ އާއިއެކު މޮރީނިއޯ ޔޫރަޕާ ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު މޮރީނިއޯ އަކީ ޔޫއެފާގެ މަތީ ފަންތީގެ ތިން މުބާރާރާތެއްގެ ފައިނަލުގައި އިރުޝާދުދޭނެ ފުރަތަމަ ކޯޗެވެ. ކޮންފަރެންސް ލީގުގެ ފައިނަލުގައި ރޯމާ ކުޅުމުން މޮރީނިއޯ އަށް ޖުމްލަ 4 ޓީމަކާއެކު މި ފަންތީގެ ލީގެއްގެ ފައިނަލުގައި ކުޅުމުގެ ޝަރަފު ލިބޭނެއެވެ.