އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލް އާއިއެކު ހަދާފައިވާ އެއްބަސްވުން އެކުލަބުގެ ހެޑް ކޯޗު މިކެލް އާޓެޓާ އައުކޮށްފިއެވެ.

އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ.

ނަތީޖާ ނެރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް އާޓެޓާ އެކުލަބާއި ހަވާލުވުމަށްފަހު، މުޅިން އައު ޓީމެއް ބިނާކޮށް ޓީމުގެ ވަރުގަދަ ކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މި މަސައްކަތުގައި އާޓެޓާ އާއި އޭނާގެ ކޯޗިންގް ސްޓާފުން ވަނީ އާސެނަލް އާއިއެކު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2019/2020 ވަނަ ސީޒަނުގެ އެފްއޭ ކަޕާއި 2020 ވަނަ އަހަރުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑުވެސް ކާމިޔާބު ކޮށްފައިވެއެވެ. އަދި މި ސީޒަނުގައި އާސެނަލް އިން އަންނަނީ މޮޅު ކުޅުމެއް ދައްކާ ޕްރިމިއަރ ލީގުގައިވެސް ނަތީޖާ ނެރެމުންނެވެ.

އެގޮތުން މިހާތަނަށް މި ސީޒަނުގައި އާސެނަލް އިން ލީގުގައި 34 މެޗު ކުޅެފައިވާއިރު 63 ޕޮއިންޓު ހޯދާފައިވެއެވެ. މިއާއެކު އެޓީމަށް މިވަގުތު ލީގު ތާވަލުގެ 4 ވަނަ ވެސް ލިބެއެވެ. މި މަގާމުގައި އޮވެ އާސެނަލް އިން މި ސީޒަން ނިންމާލައިފިނަމަ އެޓީމަށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުންވެސް ޖާގަ ލިބޭނެއެވެ.

އެންމެފަހުން އާސެނަލް ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ 2016/2017 ވަނަ އަހަރުގެ ސީޒަނުގައެވެ.

އާސެނަލް އާއިއެކު އާޓެޓާ އެއްބަސްވުން އައުކުރިއިރު، އައު އެއްބަސްވުމުގެ ދަށުން އޭނާ 2024/2025 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އެކުލަބުގައި މަޑުކުރާނެއެވެ.