ޕީއެސްޖީ އާއިއެކު އެޓީމުގެ ތަރި ކިލިއަން އެމްބާޕޭ އެއްބަސްވުން އައުކޮށްފިކަމަށްބުނެ ފަތުރާ ވާހަކަތައް އޭނާގެ މަންމަ ފައިޒާ ލަމާރީ ދޮގުކޮށްފިއެވެ.

ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުޓުބޯޅައިގެ ޓްރާންސްފަރ ތަކުގެ ތެރެއިން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އެމްބާޕޭގެ ޓްރާންސްފަރ އާއި ގުޅުވައިގެން ދައްކާ ވާހަކަތަކެވެ.

އެގޮތުން ސްޕެއިންގެ ގަދަބާރު އަދި މި ސީޒަނުގެ ސްޕެނިޝް ލަލީގާގެ ޓައިޓަލް ކަށަވަރުކޮށްފައިވާ ރެއާލް މެޑްރިޑަށް އެމްބާޕޭ ބަދަލުވާން އުޅޭ ކަމުގެ އެތައް އަޑުތަކެއް މީގެކުރިން ފެތުރިފައިވެއެވެ. އަދި ރެއާލްގެ ރައީސް އާއިއެކު އެމްބާޕޭ ސިއްރު މަޝްވަރާތަކެއް ބާއްވާ، އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރެއާލް މެޑްރިޑަކީ އެމްބާޕޭ އަބަދުވެސް އެންމެ ކުޅެން ބޭނުންވާ ކުލަބުކަން އެތައް ފަހަރެއްގެ މަތިން އޭނާ ހާމަކޮށްފައިވެއެވެ. އަދި ޕީއެސްޖީ އާއިއެކު އެމްބާޕޭ އެންމެ ފުރަތަމަ އެއްބަސްވުން ހެދިއިރުވެސް، ރެއާލް އިން އޭނާ ހޯދުމަށް އެދި ހުށަހަޅައިފިނަމަ ޕީއެސްޖީގެ ކޮންޓްރެކްޓު ވަގުތުން އުވާލަންޖެހޭނެ އުސޫލެއް އެކުލަބާއެކު އެންމެ ފުރަތަމަ އެމްބާޕޭ ހެދި އެއްބަސްވުމުގައި ހިމެނޭކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި މި އަޑުތައް ވަރަށް ބޮޑަށް ގަދަވެފައިވާއިރު، ރެއާލް މެޑްރިޑުން ވަނީ ރަސްމީކޮށް އެމްބާޕޭ ހޯދުމަށް ޕީއެސްޖީ އަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ރެއާލުން ހުށަހެޅި އަގާއިމެދު ހިތްހަމަ ނުޖެހި ޕީއެސްޖީން މި ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެއެވެ.

ޕީއެސްޖީ އާއިއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ޓްރާންސްފަރ ވިންޑޯ އާއި ހަމައަށް ހަމަވާނެއެވެ. އެހެންކަމުން އެއްބަސްވުން އައު ނުކުރެވިއްޖެނަމަ އެމްބާޕޭ އެހެން ކުލަބަކަށް ބަދަލުވާނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.

އެމްބާޕޭ ރެއާލް އަށް ބަދަލުވާން އުޅޭކަން އަދި އަނގަބަހުން އެއްބަސްވުމަކަށް މިހާރު އައިސްފައިވާކަމަށް ގިނަ ބަޔަކު ގަބޫޫލުކޮށްގެން ތިއްބާ، ފަހަކަށް އައިސް އެމްބާޕޭ ޕީއެސްޖީ އާއިއެކު އެއްބަސްވުން އައުކުރަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ.

އަދި ބުރާސްފަތި ދުވަހުން ފެށިގެން ޔޫރަޕުގެ ބޮޑެތި މީޑިއާތަކުން ވަނީ ޕީއެސްޖީ އާއިއެކު އެމްބާޕޭ ދެއަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެއްބަސްވުން އައުކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައެވެ.

މިވާހަކަތަކާ ގުޅިގެން އެމްބާޕޭގެ މަންމަ ފައިޒާ ވަނީ ސްޕެއިންގެ މީޑިއާ މާސާ އާއި ވާހަކަދައްކާފައެވެ. ފައިޒާ ބުނީ، އަދި ކުރިމަގާމެދު އެމްބާޕޭ އެއްވެސް ނިންމުމެއް ނުނިންމާ ކަމަށާއި، ފްރާންސްގައި މަޑުކުރުމާއި މެދުވެސް ގޮތެއް ނުނިންމާ ކަމަށެވެ.

އަދި ޕީއެސްޖީ އާއިއެކު އެމްބާޕޭ އެއްބަސްވުން އައުކޮށްފި ކަމަށްބުނެ މީޑިއާތަކުން ދައްކާ ވާހަކަތަކަކީ ބުހުތާނު ދޮގުކަމަށް ފައިޒާ ބުނެފައިވެއެވެ. އަދި ބޮޑަށް ބުރަ ވެވެނީ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމާއިމެދު ކަމަށްވެސް ފައިޒާ ބުނެފައިވެއެވެ.

އުމުރުން 23 އަހަރުގެ ކިލިއަން އެމްބާޕޭ އަކީ މިވަގުތު ފުޓުބޯޅައިގެ އެންމެ ހުނަރުވެރި ފޯވާޑެވެ. އޭނާ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކަކުން މަސައްކަތް ކުރަމުން އަންނައިރު ރެއާލް އަކީ މި ރޭހުގެ ކުރީގައި އޮތް ކުލަބެވެ.

ފްރާންސްގެ މޮނާކޯ އިން ސީނިއަރ ކެރިއަރު ފެށި އެމްބާޕޭ ޕީއެސްޖީ އަށް އެންމެފުރަތަމަ ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2017 ވަނަ އަހަރުއެވެ. ޕީއެސްޖީ އާއިއެކު އެމްބާޕޭ ދާއިމީ އެއްބަސްވުމެއް ހަދާފައިވަނީ 2918 ވަނަ އަހަރުއެވެ.

އެމްބާޕޭގެ އިސް ދައުރަކާއެކު ޕީއެސްޖީން ވަނީ ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ، އަދި 2019/2020 ވަނަ އަހަރުގެ ސީޒަނުގައި އެކުލަބުން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ކަންވެސް ހޯދާފައެވެ.

މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 214 މެޗުން 167 ލަނޑު ކާމިޔާބު ކޮށްދީފައެވެ.