މުބާރާތް ކުރިއަށް ދާއިރު ހިނގާފާނެ ހަމަނުޖެހުމަކުން ރައްކާތެރިވުމަށްޓަކައި ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާ، 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތް ބޭއްވުމަށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުބާރާތް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް، މާލެ ސަރަހައްދުގައި ހިނގައިދިޔަ މާރާމާރީ ތަކާއެކު މުބާރާތް ފެށުން ލަސްކުރީ ދިވެހި ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.

އެސޯސިއޭޝަނުން އެންމެ ބޮޑަށް އިސްކަންދެނީ ބައިބަލާ އަކީ ޑިސިޕްލިން ގޭމްއަކަށް ވުމާއެކު، މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުން މަޝްވަރާކޮށް، މުބާރާތް ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ ގޮތްތަކަކާއެކު އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެގޮތުން މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި، އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އަމަލުކުރާ ޓީމުތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، ފުލުހުންގެ އިރުޝާދުގެ މަތިން މުބާރާތް ކުރިއަށްދާ ތަނުގައިވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާނެ ކަމަށް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި އިންތިޒާމުތަކުގެ ތެރޭގައި، ފުލުހުން އެދިފައިވާ ގޮތަށް، ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމުތައް ހަމަޖައްސާނެކަން އެސޯސިއޭޝަނުް ފާހަގަކުރިއެވެ.

ބައިބަލާ އަކީ ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅިވަރެއްކަން ފާހަގަކޮށް އެސޯސިއޭޝަނުން ބުނީ، މިފަދަ ކުޅިވަރުތަކަކީ މީހުން ބިނާކުރުމާއި، މުޖުތަމައުއަށް ފައިދާހުރި ހަށިހެޔޮ ޒުވާނުންތަކެއް ނެރެދޭނެ ހަރަކާތަކަށް ވީހިނދު، މިއީ ގިނަ ޒުވާނުންތަކެއްގެ މަސްލަހަތާއި ގުޅުންހުރި ކުޅިވަރެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި ބައިބަލާ އަކީ ޑިސިޕްލިން ގޭމަކަށް ވާއިރުއާއި، ބައިބަލާ އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް ހަމައެކަނި ސަގާފީ ކުޅިވަރަކާއި ގުޅުންހުރި އެސޯސިއޭޝާނަކަށް ވާއިރު، މި ކުޅިވަރާ މުޖުތަމައުގައި ހިނގާ ކުށްތަކާ ގުޅުވުމުން އެ އެސޯސިއޭޝަނުން ހިތާމައާއެކު ކުއްވެރިކުރާކަމަށް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަހަރު ބައިބަލާ މުބާރާތް މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެފަހުން ބައިބަލާ އެސޯސިއޭޝަނުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެފަހަރު މުބާރާތް ބޭއްވީ "ޢީދު ބައިބަލާ 1440" މި ނަމުގައެވެ. އޭގެފަހުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މުބާރާތް ބޭއްވިފައެއް ނުވެއެވެ. އެއީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މިފަހަރު މުބާރާތް ބާއްވާނީ "އެމްޓީސީސީ ބައިބަލާ ޗެލެންޖް" ނަމުގައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ އެމްޓީސީސީ އެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ މި އަހަރުގެ މުބާރާތުގައި 34 ޓީމް ވާދަކުރާނެ ކަމަށެވެ. ޖުމްލަ 1،000 ކުޅުންތެރިން ފެންނާނެ އެވެ. މުބާރާތް ކުރިއަށް ދާނީ ދޮންގަނޑު ބީޗްގައެވެ.

2019 ވަނަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަހެންވޭރު ޔުނައިޓެޑެވެ. އެއީ ކުޑަހެންވޭރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ކުޑަހެންވޭރުން ހޯދީ ފައިނަލުގައި ވީކޭ ސްޕޯޓްސް ކްލަބު ބަލިކުރުމަށް ފަހުއެވެ.