ޔޫރަޕު ފުޓުބޯޅައިގެ ގަދަބާރު ޗެލްސީ ވިއްކާލުމުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖެހި، މިމަހުގެ ފަހުކޮޅު މިކަމާ ގުޅުންހުރި ހުރިހާކަމެއް ނިމި އައު ވެރިން ކުލަބާ ހަވާލުވާނޭކަމަށް އެކުލަބުން ބުނެފިއެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓޮޑް ބޮއެލީ އާއި، ކްލިއަރލޭކް ކެޕިޓަލްގެ އިތުރުން މާކް ވޮލްޓަރ އަދި ހެންސްޔޯގް ވިސް ލީޑު ކުރާ ގުރޫޕަކަށް ޗެލްސީ ވިއްކާލުމަށް އެއްބަސްވުމަކް އާދެވިފާވާކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މި ގުރޫޕުން އިންވެސްޓުކުރާ ލާރީގެ ތެރެއިން 2.5 ބިލިއަން ޕައުންޑު ބޭނުންކުރާނީ ކުލަބުގެ ހިއްސާ ގަތުމަށް ކަމަށާއި، މި ފައިސާ ޖަމާކުރާނީ ޔޫކޭ ބެންކުގައި ގަނޑުކޮށްފައިވާ އެކައުންޓަކަށް ކަމަށެވެ. އަދި މިފައިސާގެ 100 އިންސައްތަ ލިބޭނީ ރޯމާން އަބްރަމޮވިޗް ނިންމާފައިވާހެން ޗެރިޓީ އަށް ކަމަށްވެސް ޗެލްސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. މި އެކައުންޓުން ފައިސާ ނެގޭނީ އިނގިރޭސި ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

އިންވެސްޓްމަންޓުގެ ބާކީ ބައިން 1.75 ބިލިއަން ޕައުންޑު ހަރަދުކުރާނީ ކުލަބުގެ ކުރިއެރުވުމަށް ކަމަށް ޗެލްސީގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގެ ކަންކަމާއި، ކުލަބުގެ އެކަޑެމީ އަދި ކުލަބުގެ އަންހެން ޓީމުގެ ކުރިއެރުމަށާއި އެހެނިހެން ކަންކަމަށް މިފައިސާ ބޭނުންކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޗެލްސީ ވިއްކާލުމުގެ މަޝްވަރާތައް ނިމި ޓޮޑް ބޮއެލީ އާއި، ކްލިއަރލޭކް ކެޕިޓަލްގެ އިތުރުން މާކް ވޮލްޓަރ އަދި ހެންސްޔޯގް ވިސް ލީޑު ކުރާ ގުރޫޕަށް ކުލަބުގެ މިލްކުވެރިކަން ދިނުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކުރާނީ މިމަހުގެ ފަހުކޮޅެވެ.

ރަޝިއާ އާއި ޔޫކްރެއިން މައްސަލައިގައި ކުރިމަތިވަމުން އަންނަ ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔަކަށް ހުރި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބް ވިއްކާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މާޗު މަހުގެ ދެވަނަ ދުވަހުއެވެ.

ޕްރެޝަރު ބޮޑުވެ އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމާފައިވާއިރު އޭނާ ޗެލްސީ ގަތީ 2003 ވަނަ އަހަރު 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށެވެ.

ޗެލްސީއާ އެކު ހޭދަކުރި މުއްދަތުގައި އަބްރަމޮވިޗް ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އެގޮތުން ޗެލްސީން އަބްރަމޮވިޗް އެ ކްލަބް ގަތްތާ ދެ އަހަރު ނުވަނިސް 50 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރިއެވެ.

ޖުމްލަ އެއްކޮށް އަބްރަމޮވިޗްގެ ދައުރުގައި ފަސް ފަހަރު ލީގު ހޯދައި، ދެފަހަރު ޗެމްޕިއަންސް ލީގު ހޯދައި، ދެފަހަރު ޔޫރޮޕާ ލީގު ހޯދައި، ފަސް ފަހަރު އެފްއޭ ކަޕް ހޯދުމުގެ އިތުރުން ތިން ފަހަރު ލީގު ކަޕާއި އެއް ފަހަރު ޔުއެފާ ސުޕަކާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއެވެ. މިދިޔަ 20 އަކަށް އަހަރަށް ބަލާނަމަ އިނގިރޭސި އެންމެ ކާމިޔާބު ޓީމަކީ ޗެލްސީ އެވެ.