މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ވަޒީރުކަމާ އައިމިނަތު ޝައުނާ ހަވާލުވިފަހުން މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ ކިބައިން ފެނިގެން ދިޔައީ ނަތީޖާ ނެރުމަށް ގަދަ އަޅާ މަސައްކަތްކުރިތަން ކަމަށް އެ މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އެންވައިރަންމެންޓާއި ޓެކްނޮލޮޖީ އެއްކޮށްލައި މިނިސްޓަރު ކަމަށް އައިމިނަތު ޝައުނާ އައްޔަން ކުރައްވާފައި ވަނީ 5 މެއި 2021ގައެވެ.

އެކަމަނާގެ ވަޒިރު ކަމަށް އަހަރެއް ފުރުމާއި ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި އަލީ ސޯލިހު ވަނީ މިނިސްޓަރު ޝައުނާއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަށް ރައްދުދެއްވާފައެވެ.

ޝައުނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ތިލަފުށީ ކުނި ޕްރޮޖެކްޓުން 3 މިލިއަން ރުފިޔާގެ ފައިދާ ނެގި ކަމަށް ބުނެ ކުރެވޭ ތުހުމަތެވެ.

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އެކަމަނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ހަގީގަތާއި ހިލާފު ތުހުމަތެއް ކަމަށެވެ. މިނިސްތަރު ޝައުނާއަކީ އޭނާ ނިސްބަތްވާ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއް ނޫންކަމާއި އަދި "އެންމެ ފޭވަރިޓް ވަޒިރު" ނޫން ކަން ވެސް ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ، އެހެން ނަމަވެސް މިނިސްޓަރު ޝައުނާއަކީ ހިންގުންތެރި، ކަމަށް ކަމޭހިތާ ބޭފުޅެއް ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އެއް އަހަރު ތެރޭ މިނިސްޓަރު ކުރެއްވި ބުރަ މަސައްކަތަށް ފާސް ރިޕޯޓެއް ދިނުމަކާއި ނުލައި ދޮގު ތުހުމަތު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ޝައުނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއިދުކުރާކަން ހާމަކުރުމުންނެވެ.