ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ތަފާތު ތަޖުރިބާތައް އެމްއެމްޕީއާރްސީން ތައިލޭންޑް މެރިން އެކްސްޕޯ 2022 ގައި ދައްކާލައިފިއެވެ.

ތައިލެންޑްގައި ބާއްވާ މިފަދަ އެންމެ ބޮޑު އިވެންޓް ކަމަށްވާ ތައިލެންޑް ޑައިވް އެކްސްޕޯގައި ދުނިޔޭގައި ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ވޯޓަރ ސްޕޯޓްސް އަދި ޑައިވްކުރާ އާލާތް މެނިފެކްޗަރ ކުރާ ފަރާތްތަކާއި، ޑައިވް ރިޒޯޓުތަކާއި، މެރިން ކޮންޒަރވޭޝަން އެންޑް ޑައިވިންގ އޯގަނައިޒޭޝަންތަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއަރގެ ސަބަބުން ތައިލޭންޑް މާކެޓުގައި ރާއްޖޭގެ ޚިދުމަތްތައް ޕްރޮމޯޓްކޮށް، ޕޮޓެންޝަލް ކްލަޔަންޓުންނާއި ކަސްޓަމަރުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އެމްއެމްޕީއާރްސީ އާއި އިންޑަސްޓްރީގެ ޕާޓްނަރުން މިއެކްސްޕޯގައި ބައިވެރިވެފައިވަނީ ރާއްޖޭގެ ޑައިވް ސައިޓްތަކުގެ ހިތްގައިމު ރީތިކަން މާކެޓްކޮށް، ރާއްޖޭގައި ހިތްގައިމު، މުނިފޫހިފިލުވުމާއި ތަފާތު ތަޖުރިބާތައް ހޯދުމަށް ލޯބިކުރާ ފަތުރުވެރިންނަށް މިމަންޒިލްގައި ލިބެން ހުރި ކަނޑުއަޑީގެ އަދި ވޯޓާސްޕޯޓްސް އެޑްވެންޗާތައް ޕްރޮމޯޓްކުރުމަށެވެ.

އެމްއެމްޕީއާރްސީން ބުނީ މިހަރަކާތުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ސައުތު އީސްޓް އޭޝިއަން (ސީ) މާކެޓަށް އިޝްތިހާރުކުރާނެ ކަމަށާއި، އޭގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ލިވަބޯޑްތަކާއި އެންމެ ފަހުގެ ސޭފް ޓްރެވަލް ގައިޑްލައިންތަކުގެ މައުލޫމާތު ވެސް ހިމެނޭނެކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިއިވެންޓުގައި ތައިލެންޑްޓޫރިޒަމް އެޖެންސީތަކާއި، ބޯޓް އުފައްދާ ފަރާތްތަކާއި، ލޯކަލް ޑައިވިންރިސޯޓްތަކާއި، ޑައިވް އޮޕަރޭޓަރުންނާއި، ޑައިވް ސްކޫލްތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑައިވިން އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.