އޭޑީކޭ ހޮސްޕިޓަލްގެ ފާރުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ހޭޝްޓެގް ޖަހާފައި ވާތީ އެކަން އެ ހޮސްޕިޓަލުން ކުށްވެރިކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު "ވީނިއުސް"އަށް ވިދާޅުވީ، އަމިއްލަ އިމާރާތެއްގެ ފާރުގައި ހުއްދަ ނެތި އެއްވެސް އިޝްތިހާރެއް ނުވަތަ ޝުއޫރެއް އަދި ކެމްޕެއިނެއްގެ ހޭޝްޓެގް ޖެހުމަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އަފްއާލް ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް އޭޑީކޭން ބަލާނެ ކަމަށާއި އެއީ އެއްވެސް ވަރަކަށް އެ ހޮސްޕިޓަލުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ ވަނީ ފާރުގައި އިންޑިއާ އައުޓް ޖެހުން ކުށްވެރިކުރައްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލްގައި އިންޑީއާ އައުޓް ހޭޝްޓެގް ޖެހީ ކާކުކަން އަދި ސާފު ނުވާއިރު، ބެލެވޭ ގޮތުގައި މިއީ ރޭގެ ވަގުތެއްގައި ކޮށްފައިވާ ކަމެކެވެ.

އިދިކޮޅުން ހިންގާ މި ހަރަކާތުގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ބެނާތަކާއި ދިދަތައް އަންނަނީ ހަރުކުރަމުންނެވެ. އަދި ބައެއް ފާރުތަކުގަ "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ބޭރު ފާރުގައި އިންޑިއާ އައުޓް ޖަހާފައި --- ފޮޓޯ: ޒިދާން މުހައްމަދު/ ވީނިއުސް

ނަމަވެސް، އިންޑިއާ އާއި ދެކޮޅު ވާހަކަ ދެއްކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ޤަރާރަކުން މަނާކޮށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބެނާތައް ވަނީ ނައްޓުވާފައެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.

ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާތީ ޤަރާރެއް ނެރުއްވީ ކަމަށް ރައީސްގެ ޤަރާރުގައި ވެއެވެ.