ގޭންގް މާރާމާރީތަކާ ގުޅިގެން ހުޅުމާލޭ ހިޔާ ފްލެޓުގެ ޓަވަރެއްގެ އެޕާޓްމެންޓެއް އެސްއޯ ފުލުހުންގެ ޓީމަކުން ބަލާ ފާސް ކުރަމުން ދަނިކޮށް ފުލުހަކަށް ކޯރާޑިން ހަމަލާ ދިނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ނޫން ކަމަށް ޖެންޑަ މިނިސްޓްރީގެ ފަރާތުން ހިންގާ ޗައިލްޑް އެންޑް ޕެމެލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ފުލުހަކަށް ކޯރާޑިން ހަމަލާ ދިނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ނޫންކަން ކަށަވަރުކޮށްދޭ ކަމަށާއި ކުޑަކުދިންގެ ކަރާމާތް ގެއްލޭ ގޮތަށް އެފަދަ މައުލޫމާތު އާންމު ނުކުރުމަށް އެދޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ފްލެޓް ތެރެއިން ފުލުހަކަށް ކޯރާޑިން ހަމަލާ ދިނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ ފްލެޓުން ކުޑަކުއްޖަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފިތުރު އީދު ދުވަހުން ފެށިގެން ސިލްސިލާކޮށް ހިންގަމުންދާ ގްރޫޕް މާރާމާރީތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރައިފައެވެ.
މިކަމާއި ގުޅިގެން ސިޔާސީ ލީޑަރުންނާއި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މާރާމާރީތައް ހުއްޓުވުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.