ށ. ފޯކައިދޫ 'ފުރާގު' ބޯޓު މާލެދަތުރުކުރި މަގުމަތީ ރޭގެ ވަގުތެއްގައި 'ފެލިވަރު ފަރަށް' އެރުމުން ބޯޓުން ދަތުރުކުރި 130އަށް ވުރެ ގިނަ ދަތުރުވެރިން ކައުންސިލް މެދުވެރިވެ ނައިފަރަށް ބާލާ އެ ރަށުގެ އާއިލާތަކުން ދަތުރުވެރިންނާ ހަވާލުވެ ދެއްކެވީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭ ފަރަށް އެރި ބޯޓުން ދަތުރުކުރި މީހުންނަށް ނައިފަރުންގެ ރައްޔިތުން ވެދިން އެހީތެރިކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ފަރަށް އެރި ބޯޓު ފުން ކުރުމުގައިވެސް ނައިފަރުގެ މަސްވެރިންނާ އޮޑިވެރިން އެ މީހުންގެ އުޅަނދު ފަހަރު ބޭނުންކުރައްވައިގެން ދަންވަރުގެ ވަގުތެއްގައި އަމިއްލަ ކަމެއްގެގޮތުގައި ބަލައި ކުރެއްވީ ވަަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ބޯޓުން ދަތުރި ކުރި ވަރަށް ގިނަ ދަތުރުވެެރިންނާ ފޯނުން ވާހަކަ ދައްކާލެވުނު ކަމަށެވެ.

ދަތުރުވެރިން ދެއްކެވީ ކައުންސިލްގެ އިންތިޒާމުތަކުގެ ފުރިހަމަ ވާހަކަ އާއި ހަވާލުވި އާއިލާތަކުގެ ހިތްހެޔޮކަމާ މެހުމާންދާރީގެ ފުރިހަމަ ކަމުގެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނައިފަރުގެ ރައްޔިތުންނަކީ މިފަދަ ކޮންމެ ވަގުތެއްގައި ނަމޫނާ ދައްކަވާ ބައެއް ކަމަށެވެ.

ރޭގެ ހާދިސާގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް މެމްބަރު ޝުކުރު އަދާކުރެއްވިއެވެ.

"ފުރާގު 2" ނަމަކަށް ކިޔާ ބޯޓު ޅ. ހިންނަވަރު ކައިރީގައި އޮންނަ ފަރަށް އަރައިގެން ފުލުހުންނާއި އާންމުންގެ އިތުރުން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ ރޭ 20:30 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ،