ޔޫއެފާ ޗެމްޕިއަންސްލީގުގެ ފައިނަލް މެޗުގައި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ނިންމާފައިވާ ގޮތާއިމެދު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިސްގައި ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ ކްލޮޕްގެ ލިވަޕޫލާއި ކާލޯ އަންޗެލޮޓީ އިރުޝާދުދެމުން އަންނަ ރެއާލް މެޑްރިޑެވެ. މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރީ ސެމީ ފައިނަލުގައި ސްޕެއިންގެ ވިޔަރެއާލްގެ މައްޗަށް އެގްރިގޭޓުން ކުރިހޯދައިގެންނެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ރެއާލް އިން ކަށަވަރުކުރީ ސެމީ ފައިނަލުގައި މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ.

75،000 މީހުންގެ ޖާގައިގެ ސްޓޭޑް ޑި ފްރާންސް ސްޓޭޑިއަމްގައި ކުޅޭ މި ފައިނަލް މެޗުގައި ކޮންމެ ޓީމެއްގެ ސަޕޯޓަރުންނަށް ލިބެނީ ގާތްގަނޑަކަށް 20،000 ޓިކެޓެވެ. މިއީ ކޮންމެ ޓީމަކަށް ދަނޑުގެ ޖާގައިގެ 25 އިންސައްތަ ޓިކެޓެވެ. އެހެންކަމުން ފައިނަލުގައި ކުޅޭ ދެޓީމުގެ ސަޕޯޓަރުންނަށް ސްޓޭޑިއަމްގެ ސީޓިންގ ކެޕޭސިޓީގައި ލިބޭނީ 50 އިންސައްތަ ޓިކެޓެވެ.

ބާކީ 35،000 ޓިކެޓަކީ ޔުއެފާގެ ބޭނުމަށް ނަގާ ޓިކެޓެވެ. ޔުއެފާ އަށް ނެގި ޓިކެޓްތަކުގެ ތެރޭގައި 12،000 ޓިކެޓް ވިއްކާނީ ދުނިޔޭގެ އެކި ހިސާބުތަކުން ފައިނަލް މެޗަށް އަންނަން ބޭނުންވާ ސަޕޯޓަރުންނަށެވެ. އަދި ބާކީ 23،000 ޓިކެޓް ވިއްކަން ނިންމާފައިވަނީ ޔުއެފާގެ މެމްބަރު ގައުމުތަކުގެ އެސޯސިއޭޝަންތަކާއި ޔުއެފާގެ އެކި ޕާޓްނަރުންނަށެވެ.

މި މައުލޫމާތުތައް ތިލަވުމާއެކު ކްލޮޕް ވަނީ ޓިކެޓު ވިއްކުމުގައި ގެންގުޅޭ އުސޫލަކީ ހަމަ އެންމެ ރަނގަޅު އުސޫލުތޯ ސުވާލު އުފައްދާފައެވެ. ފައިނަލް މެޗުގައި ކުޅޭ ދެޓީމުގެ ސަޕޯޓަރުންނަށް 40،000 ޓިކެޓު ދީފައި ބާކީ 35،000 ޓިކެޓު އެހެން ބަޔަކަށްދޭ ދިނުން މިއީ ކަންކުރަން އޮންނަ ގޮތްތޯވެސް ކްލޮޕް ސުވާލު ކޮށްފައިވެއެވެ.

ކްލޮޕް ބުނީ ފުޓްބޯޅައިގައި ކުޅުންތެރިންނަށް ފަހު އެންމެ މުހިންމު ބަޔަކީ ސަޕޯޓަރުން ކަމަށާއި އެ މީހުންގެ ހައްގުގައި ކަންތައްތައް ނުކުރެވޭނަމަ ބޭނުންވާ ގޮތަށް ފުޓްބޯޅަ ކުރިއަށް ނުދާނެ ކަމަށެވެ.

ކްލޮޕްގެ އިތުރުން ލިވަޕޫލުގެ ސަޕޯޓަރުންގެ ގްރޫޕުންވެސް ވަނީ ޓިކެޓާއި ގުޅުންހުރި މައްސަލައިގައި ޔޫއެފާ އަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބުނެފައިވަނީ

ޔުއެފާ އިން ފުޓްބޯޅަ ސަޕޯޓަރުންނާ މެދު ނުވިސްނާ ކަމަށާއި ޓިކެޓް ވިއްކަނީ ސަޕޯޓަރުން އަތުން ގިނައިން ފައިސާ ހޯދުމަށް ކަމަށާއި ފުޓްބޯޅައިގެ ފޯރި އަށް ބެލުމެއް ނެތިކަމަށެވެ. ހާއްސަކޮށް މެޗުގެ ޓިކެޓު ވިއްކާ އަގާއިމެދުވެސް ކްލޮޕްގެ އިތުރުން ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.