މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމަށްޓަކައި ލިވަޕޫލުން ދެކެމުން އައި ހުވަފެންތަކަށް، ޓޮޓެންހަމް ހޮޓްސްޕަރ އިން ހުރަސް އަޅައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލާއި، ޓޮޓެންހަމްގެ ކުރިމަތިލުންވީ 1-1 އިން އެއްވަރެވެ.

މިއާއެކު ވަގުތީގޮތުން ލިވަޕޫލަށް ތާވަލުގެ އެއްވަނަ ލިބުނުނަމަވެސް، ވަރުގަދަ މެންޗަސްޓަރ ސިޓީ އާއި ދެމެދު ދަމަހައްޓަމުން އައި އެއް ޕޮއިންޓުގެ ފަރަގަށް ސިޓީ އަށް ނިމުމެއް ގެނައުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އެގޮތުން ލިވަޕޫލް ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު 35 މެޗުން 83 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސިޓީ އޮތީ އެއްމެޗު މަދުން ކުޅެ ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ.

އެހެންނަމަވެސް އާދިއްތަ ދުވަހުގެރޭ ނިއުކާސަލް އާއި ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅެއް ހޯދައިފިނަމަ، އެޓީމަށް ދުވަސްތަކަކަށްފަހު އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ. ލީގުގައި އޭރުން ބާކީ ދެޓީމަށްވެސް އޮންނާނީ އެންމެ ތިން މެޗެވެ. މިކަން ވާނީ ލިވަޕޫލުން ލީގު ޓައިޓަލް ހޯދާ، މި ސީޒަނުގައި ކުއަޑްރަޕްލް އެއް ނުވަތަ އެއް ސީޒަނެއްގައި ހަތަރު ތަށި އުފުލާލުމަށް ދެކެމުން އައި ހުވަފެންތަކަށްވެސް ނިމުން ގެނުވާނޭފަދަ ބޮޑު ގޮންޖެހުމަކަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، ކުރިއަށް އޮތް މަދު މެޗުތަކުގެ ތެރެއިން ސިޓީ އެންމެ ޕޮއިންޓެއްވެސް ގެއްލުވާލާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ހޮނިހިދު ދުވަހުގެރޭ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ޓޮޓެންހަމްގެ ޑިފެންސްލައިން ފެނިގެންދިޔައީ ވަރަށް ރޭވުންތެރި ކުޅުމެއް ކުޅެމުންދިޔަ ތަނެވެ. ހާއްސަކޮށް މެޗުގައި ލިވަޕޫލުން އުފައްދަން މަސައްކަތްކުރި ގިނަ ހަމަލާތަކަށް ޓޮޓެންހަމްގެ ޑިފެންސްލައިން ތިބީ ހުށިޔާރުކަމާއެކު ތައްޔާރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދާއިރު، ދެވަނ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ޓޮޓެންހަމް އިންވަނީ ލަނޑެއް ޖަހާ ލީޑުނަގާފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސޮން ހިއުންގ މިން އެވެ. މިއީ އޭނާ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. މިލަނޑާއެކު އޭނާ ވަނީ ޝަރަފެއްވެސް ހޯދާފައެވެ. އެއީ 2012/2013 ވަނަ އަހަރުގެ ސީޒަނަށްފަހު ޕެނަލްޓީން ކާމިޔާބުކުރި ލަނޑެއް ނެތި، ޓޮޓެންހަމްގެ ކުޅުންތެރިއަކު އެއް ސީޒަނެއްގައި 20 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ. 2012/2013 ވަނަ އަަހަރުގެ ސީޒަނުގައި ޓޮޓެންހަމްގެ ކުރީގެ ތަރި ގެރެތް ބޭލް ވަނީ މި ޝަރަފު ހޯދާފައެވެ.

މިލަނޑާއެކު މޮޅުވުމުގެ އުންމީދުގައި ކުޅެމުންދިޔަ ޓޮޓެންހަމް ފަހަތަށް ޖައްސާލީ މެޗުގެ ފުރިހަމަވަގުތު ހަމަވާން 16 މިނެޓަށްވެފައި ވަނިކޮށް ލިވަޕޫލްގެ ލުއިސް ޑިއާޒް އެވެ. މިއީ ތިއާގޯގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާ އާއިއެކު ޓޮޓެންހަމް އަށް 35 މެޗުން 62 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 5 ވަނައެވެ. ހަތަރުވަނައިގައި އާސެނަލް އޮތީ 34 މެޗުން 63 ޕޮއިންޓާއެކުއެވެ.

ލީގުގައި ލިވަޕޫލް ދެން މެޗެއް ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހު އެސްޓަން ވިލާ އާއި ދެކޮޅަށެވެ. ޓޮޓެންހަމް އަށް ކުރިއަށް އޮތީ 12 ވަނަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.