މެންޗަސްޓަރ ޔުނައިޓެޑަށް މިހާރު ކުޅޭ ކުޅުންތެރިންނަކީ އެޓީމުގެ ޖާޒީލާވަރުގެ ބައެއް ނޫން ކަމަށާއި، އެކުޅުންތެރިންނަށް އެ ޖާޒީ ހައްގު ނުވާކަމަށް ޔުނައިޓެޑުގެ ސަޕޯޓަރުން ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ޔުނައިޓެޑް ބަލިވި މެޗަށްފަހު ދަނޑުގައި ތިބި ޔުނައިޓެޑުގެ ސަޕޯޓަރުންގެ ނުރުހުން، އެޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑް ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު އެޓީމަށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އޮތް ހަނި ފުރުސަތުވެސް އެއްކޮށް ގެއްލުނުއިރު، އަންނަ ސީޒަނުގެ ޔޫރަޕާ ލީގުންވެސް ޖާގައެއް ކަށަވަރެއް ނުވެއެވެ. ލީގުގައި ބާކީ ޔުނައިޓެޑަށް އެންމެ މެޗެއް އޮތްއިރު، އެމެޗުން މޮޅުވިޔަސް، ވެސްޓް ހަމް ޔުނައިޓެޑުން ބާކީ އޮތް ތިން މެޗުން ނެރޭ ނަތީޖާއެއްގެ މައްޗަށް ބިނާކޮށް ޔޫރަޕާ ލީގުންވެސް ޔުނައިޓެޑަށް ފުރުސަތު ގެއްލޭނެއެވެ.

އެގޮތުން މިހާތަނަށް ކުޅުނު 37 މެޗުން ޔުނައިޓެޑަށް 58 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ހަވަނައެވެ. ތާވަލުގެ ހަތްވަނައިގައި ވެސްޓް ހަމް ޔުނައިޓެޑް އޮތީ 35 މެޗުން 52 ޕޮއިންޓު ހޯދައިގެންނެވެ. އެޓީމަށް ބާކީ ލީގުގައި އޮތް 3 މެޗުން މޮޅެއް ހޯދައިގެން، 61 ޕޮއިންޓާއެކު ތާވަލުގެ 6 ވަނަ ކަށަވަރުވާނެއެވެ. ޔުނައިޓެޑުން ބާކީ އޮތް އެއް މެޗުން މޮޅުވެވުނު ނަމަވެސް ލިބޭނީ 61 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ގަވައިދުގައިވާ ގޮތުން، ދެޓީމެއްގެ ޕޮއިންޓު އެއްވަރުވެއްޖެނަމަ ދެން ބަލާނީ ގޯލް ޑިފަރެންސް (ފައިދާ ގޯލު) އަށެވެ. އަދި ގޯލް ޑިފަރެންސް ވެސް އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ޖަހާފައިވާ ގޯލުގެ އަދަދަށެވެ. މިހާރު އޮތްގޮތުން ޔުނައިޓެޑަށް ލިބެނީ ފައިދާ އެންމެ ލަނޑެކެވެ. ވެސްޓްހަމް އަށް ފައިދާ ގޯލުގެ ގޮތުގައި 7 ލަނޑު އެބަ އޮތެވެ.

މިގޮތަށް މިކަން ވެއްޖެނަމަ ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޖާގަ ލިބޭނީ ޔޫއެފާގެ ތިންވަނަ ފަންތީގެ މުބާރާތް ކަމުގައިވާ، ޔޫރަޕާ ކޮންފަރެންސް ލީގުންނެވެ. ޔުނައިޓެޑުގެ ސަޕޯޓަރުންނާއި އެކުލަބުގެ ކުރީގެ ކުޅުންތެރިންގެ ނުރުހުން މިހާރު ކުޅެމުންދާ ކުޅުންތެރިންނަށް އަމާޒުވަމުން އަންނަ އެއް ސަބަބަކީވެސް މިއީއެވެ.

ފަހަކަށް އައިސް މެޗުގަކުގައި ނަތީޖާ ނުނެރެވި ޔުނައިޓެޑަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާއިރު، ބްރައިޓަންގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައިވެސް އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.

މެޗުގައި ބްރައިޓަން އިން 4 ލަނޑު ޖެހިއިރު އެޓީމުން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑުނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޮއިސެސް ސައިސޭޑޯ އެވެ. ބްރައިޓަން އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެއެވެ.

ދެވަނަ ހާފު ފަށައިގެންވެސް މޮޅަށް ކުޅެމުންދިޔަ ބްރައިޓަން އިންވަނީ މިހާފުގެވެސް ކުރީކޮޅުގައި އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކް ކުކުރޭލާ އެެވެ.

ބްރައިޓަން އިން ތިންވަނަ ލަނޑުޖެހީ މެޗުގެ 57 ވަނަ މިނެޓުގައެވެ. ޕަސްކާލް ގްރޮސް މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން ބްރައިޓަންގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޓްރޮސާޑް އެވެ.

މިމެޗުން ބަލިވެ ޔުނައިޓެޑަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ބާކީ އޮތް މެޗުގައި މޮޅެއް ނުހޯދިއްޖެނަމަ، މިއީ 1990/1991 ވަނަ އަހަރުގެ ސީޒަނަށްފަހު ޕްރިމިއަރ ލީގުގައި އެޓީމުން ނެރޭ އެންމެ ދަށް ނަތީޖާއަށް ވާނެއެވެ. އެފަހަރުގެ ސީޒަނުގައި އެޓީމމު ޕްރިމިއަރ ލީގު ނިންމާލީ 59 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

މެޗުން ހޯދި މޮޅާއެކު ބްރައިޓަން ވަގުތީގޮތުން ތާވަލުގެ ނުވަވަނައަށް ޖެހިލާފައެވެ. އެގޮތުން މިހާތަނަށް ކުޅުނު 36 މެޗުން އެޓީމަށް 47 ޕޮއިންޓު ލިބިފައިވާއިރު 10 ވަނައިގައި އޮތް ކްރިސްޓަލް ޕެލަސް އަށް އެއްމެޗު މަދުންކުޅެ 44 ޕޮއިންޓު ލިބިފައިވެއެވެ.

ޔުނައިޓެޑަށް ލީގުގައި ކުރިއަށް އޮތީ މިމަހުގެ 22 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށްކުޅޭ މެޗެވެ.