ޗެލްސީ ފުޓުބޯޅަ ކުލަބާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަވާލުވާން ތައްޔާރުވަމުން އަންނަ އެކުލަބުގެ އައު ވެރިންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗުގައި، ވުލްވްސް އާއި އެއްވަރުވެއްޖެއެވެ.
ރަޝިއާ އިން ޔޫކްރެއިން އަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން، ރަޝިއާގެ ބައެއް ވިޔަފާރިވެރިންނާއި ދެކޮޅަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ޗެލްސީގެ ވެރިޔާ ރޯމާން އަބްަރަމޮވިޗަށް ވަނީ ޗެލްސީ ވިއްކާލަން މަޖުބޫރުވެފައެވެ. އަބްރަމޮވިޗް އެ ކްލަބް ވިއްކާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މާޗު މަހުގެ ދެވަނަ ދުވަހުއެވެ.
އެތައް ބިލިއަނަރުންތަކެއްގެ ހުށަހެޅުމަށްފަހު ޗެލްސީން އެކުލަބު ވިއްކާލަން ނިންމީ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ އުފައްދާފައިވާ ގްރޫޕަށެވެ. މި ގުރޫޕުން ޗެލްސީ ގަންނަން ހުށަހަޅާފައިވަނީ 4.25 ބިލިއަން ޕައުންޑަށެވެ. ޗެލްސީން ވަނީ އެކުލަބު ބޯލީ އަށް ވިއްކާލުމުގެ ކަންކަން ނިމިފައިވާކަން އެކުލަބުގެ ވެބްސައިޓުގައި ހޮނިހިރު ދުވަހު ހާމަކޮށްފައެވެ. އެހެންނަމަވެސް ޗެލްސީ ވިއްކާލުން ރަސްމީކޮށް ނިމޭނީ އެއްބަސްވުމުގެ ހުރިހާ ކަމެއް ނިމި ކޮންޓްރެކްޓްތަކުގައި ސޮއިކޮށް، އިނގިރޭސި ރަސްމީ އިދާރާތަކުން ވިޔަފާރިއާ ގުޅޭ ކަންކަން ކަށަވަރުކޮށް ނިންމުމުން، މިމަހު ފަހުކޮޅުގައެވެ.
ޓޮޑް ބޯލީ އާއި އޭނާގެ ގުރޫޕުން ވަނީ ވުލްވްސް އާއި ދެކޮޅަށް ޗެލްސީ ކުޅެ 2-2 އިން އެއްވަރުވި މެޗު ވީއަޕީ ޒޯނުން ބަލާފައެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ކުޅުންތެރިން ވަނީ ވުލްވްސްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. 38 ވަނަ މިނެޓުގައި ލޮފްޓަސް-ޗީކް ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވަން ނަމަވެސް، ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ނިންމީ ލޮފްޓަސް-ޗީކް އޮފްސައިޑުގައި ހުރުމުން މިއީ ލަނޑެއް ކަމަށް ބަލައިނުގަންނާށެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެޓީމުން މެޗުގެ ދެވަނަ ހާފު ފެށިއިރު މިހާފުގެ 11 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއްޖަހާ ލީޑުނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގެ 56 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހަށްފަހު ޗެލްސީގެ ފުރަތަމަ 11 ގައި ހިމެނިގެން ލުކާކޫ ކުޅުނު ދެވަނަ މެޗެވެ. އަދި މިއީ 29 ޑިސެމްބަރުގެ ފަހުން ލުކާކޫ ލީގުގައި ލަނޑުޖެހި ފުރަތަމަ ފަހަރުވެސް މެއެވެ.
ފުރަތަމަ ލަނޑުޖެހިތާ ދެމިނެޓުފަހުން އަނެއްކާވެސް ލުކާކޫ ވަނީ ޗެލްސީ އަށް ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. މިއީ ކްރިސްޓިއަން ޕުލިސިޗްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ވުލްވްސް އިން މެޗުގައި ފުރަތަމަ ފަހަރަށް ލަނޑެއްޖަހާ ފަރަގު ކުޑަކުރީ 79 ވަނަ މިނެޓުގައެވެ. މިއީ ތޯމަސް އޮލިވޭރާގެ އެސިސްޓަކުން ފްރާންސިސްކޯ ޓްރިންކާއޯ ކާމިޔާބުކުރި ލަނޑެކެވެ.
އަދި މެޗުގައި ވުލްވްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަވަގުތުހަމަވެ ދެއްކި އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައެވެ. މިއީ ޗިކީނިއޯ އަރިމަތިން ނެގި ހުރަހަކުން، ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކޮނާ ކޯޑީއެވެ.
މި ނަތީޖާ އާއިއެކު އަދިވެސް ޗެލްސީއަށް ތާވަލުގެ ތިންވަނަ ލިބެނީ ކުޅުނު 35 މެޗުން 67 ޕޮއިންޓު ހޯދައިގެންނެވެ. ޗެލްސީގެ ފަހަތުން ތާވަލުގެ ހަތަރުވަނައިގައި އާސެނަލް އޮތީ 34 މެޗުން 64 ޕޮއިންޓާއެކުއެވެ.
ވަރުގަދަ ޗެލްސީ މޮޅުވިޔަނުދީ ހިފެހެއްޓި ވުލްވްސް އަށް ލީގު ތާވަލުގައި ލިބެނީ 8 ވަނައެވެ. އެޓީމަށް 35 މެޗުން 50 ޕޮއިންޓު ލިބިފައިވެއެވެ.