ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ބެޓިސްގެ މަައްޗަށް ހޯދި މޮޅާއެކު ބާސެލޯނާއިން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސްލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތުގެ އަންނަ ސީޒަނުގެ އެޑިޝަން އިން ބާސާ ޖާގަ ހޯދިއިރު އެޓީމަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގު ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. މިއާއެކު މި ސީޒަނުގެ ޔޫރަޕާ ލީގުގައި ބާސާ ކުޅެންޖެހުނުއިރު އެ މުބާރާތުގެ ކުއާޓަރ ފައިނަލާ ހިސާބުން ބާސާ ވަނީ ކަޓާފައެވެ. މިއީ ފާއިތުވީ 18 އަހަރުގެ ތެރޭގަ ބާސާ އަށް ޔޫރަޕާ ލީގުގަ ކުޅެން ޖެހުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބާސާގެ ކޯޗުކަމާ ހަވާލުވި ޒަވީ ހެރްނާންޑޭޒްގެ އިރުޝާދުގެ ދަށުން ބާސާއިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ހޮނިހިރު ދުވަހުގެރޭ ބެޓިސްގެ ދަނޑުގައި ކުޅެ ބާސާ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދާއިރު ދެވަނަ ހާފުގައިވެސް ލަނޑުތައް ފެނިގެންދިޔައީ ފަހުކޮޅުއެވެ.

ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ބާސާ އިންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގައި ކުޅެންއެރި އަންސޫ ފާޓީ މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މިއީ މެޗުގެ ހީރޯ އަކަށްވި ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު ފާޓީ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ތިންމިނެޓުފަހުން މެޗުގެ 79 ވަނަ މިނެޓުގައި ބެޓިސް އިންވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަބީލް ފެކީރްގެ ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި މިލަނޑު ބެޓިސް އަށް ކާމިޔާބު ކޮށްދިނީ ކުރިން ބާސާއަށް ކުޅުނު މާކް ބާޓްރާ އެވެ. މިއީ 2020 ވަނަ އަހަރުގެ ޖޫން މަހަށް ފަހު ބާޓްރާ ޖެހި ފުރަތަމަ ގޯލެވެ.

ހަމަހަމަ ނަތީޖާ އަކާއިއެކު ޕޮއިންޓެއް ހޯދުމުގެ އުންމީދުގައި ކުޅެމުންދިޔަ ބެޓިސް ފަހަތަށް ޖައްސާލީ ޖޯޑީ އަލްބާއެވެ. އެގޮތުން މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ 4 ވަނަ މިނެޓުގެ ތެރޭގައި ޑެނީ އަލްވޭޒް ނަގައިދިން ހުރަހަކުން، ވޮލީއަކުން އަލްބާ ޖެހި ހިތްގައިމު ލަނޑެކެވެ.

އަލްބާގެ މި ހިތްގައިމު ލަނޑާއެކު މެޗުން ބާސާ މޮޅުވިއިރު، އެޓީމަށް މި މޮޅާއެކު ތާވަލުގެ ދެވަނަ ލިބެނީ 35 މެޗުން 69 ޕޮއިންޓާއެކުއެވެ. ލަލީގާގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުވާއިރު، ބާސާއަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވީ ބާކީ ތިން މެޗު އޮއްވާއެވެ. ތާވަލުގެ އިންވަނައިގައި ސެވިއާ އޮތީ އެއްމެޗު މަދުން ކުޅެ 64 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އެންމެފަހުގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑް އޮތީ 34 މެޗުން 61 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ބާކީ ހަތަރު މެޗު އޮއްވާ ލީގު ޓައިޓަލް ކަށަވަރުކޮށްފައިވާ ވަރުގަދަ ރެއާލް މެޑްރިޑެވެ.