ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާލުވެއްޖެއެވެ.

މެމްބަރު އަހުމަދު ޝިޔާމް މިފަދައިން ވިދާޅުވީ، މިފަހުން ހިންގި މާރާމާރީތަކާއި ބައިބަލާ މުބާރާތާ ގުޅުވަން ސަރުކާރުން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ކުރެއްވި ޓްވީޓެއްގައެވެ.

މާރާމާރީތަކާއި ބައިބަލާ މުބާރާތާ ގުޅުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ސަރުކާރަށް ކުރައްވައި ޝިޔާމް ވަނީ ބައިބަލާ އާއި އެހެން ކުޅިވަރުތަކާމެދު ގެންގުޅޭ ތަަފާތުކުރުންތައް ހުއްޓާލުމަށް ގޮވާލާފައެވެ. ޝިޔާމް ވަނީ ބައިބަލާގެ ފާއިތުވި 9 އަހަރުގެ މާޒީއަށް ރަނގަޅަށް ބެލުމަށް އެދިފައެވެ.

ޝިޔާމް ވިދާޅުވީ، މާރާމާރީ އާއި ބައިބަލާއާ ގުޅުވުމަކީ ސަރުކާރުން ކަން އޮތްގޮތް އޮޅުވާލުން ކަމަށެވެ.

ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށާއި އެއީ ބައިބަލާއާއި ގުޅުމެއް އޮތް ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކުޑަ ޢީދު ބަންދާ ދިމާކޮށް ބާއްވަން މަސައްކަތްކުރި ބައިބަލާ މުބާރާތް ފަސްކުރީ މާލެ ސަރަހައްދުގައި މާރާމާރިއާއި ތޫނު އެއްޗެހިން ހަމަލާ ދިނުން އިތުރުވުމުގެ ސަބަބުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެދުމުގެމަތިންނެވެ.

ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދެއަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތް ބާއްވަން އިއުލާންކޮށް ތައްޔާރީތައް ފަށާފައިވަނިކޮށް، މާލެ ސަރަހައްދުގައި ހިންގި މާރާމާރީތަކާއި ގުޅިގެން ފުލުހުން އެދިގެން މުބާރާތް ފަސްކުރަން ޖެހުނީ ކަމަށެވެ.

ނަމަވެސް ވަރުގަދަ ފިޔަވަޅުތަކާއި ފުލުހުންގެ އެހީތެރިކަމާއެކު މިރޭ ބައިބަލާ މުބާރާތް ފެށުމަށް ވަނީ ނިންމާފައެވެ.