ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނު ސަބަބު ސްރީލަންކާ ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހުނީ ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމްކުރުމަށް ކަމަށާއި، އެކަމަކީ، ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ކާރިޘާއިން އަރައިގަތުމަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން، އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. މިއީ، 5 ހަފްތާ ތެރޭގައި ސްރީލަންކާގެ ރައީސް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގެވި ދެވަނަ ފަހަރެވެ.

މިދިޔަ އޭޕްރީލްމަހުގެ އެއްވަނަ ދުވަހުވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއެވެ. އެފަހަރު ކުއްލި ނުރައްކާ ހިންގަވާފައިވަނީ 5 ދުވަހަށެވެ.

ސްރީލަންކާގެ ރައީސް އަނެއްކާވެސް މުޅި ގައުމުގައި ކުއްލި ނުރައްކާ އިއުލާން ކުރެއްވުމާ ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދާއި، ސްރީލަންކާގައި ތިބޭ ބޭރު ގައުމުތަކުގެ އެމްބަސެޑަރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔޫރަޕްގެ އިއްތިހާދުން ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމަކުން ސްރީލަންކާއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ނުވާނޭ ކަމަށާއި، ނަތީޖާ ވާނީ ހައްތަހާ ގޯސް ކަމަށެވެ.

އެކަމަކު، ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވެރިރަށް ކޮޅުނބާއި، ސްރީލަންކާގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އާންމުންގެ ސަލާމަތަށް ނުރައްކާ ފޯރަމުންދާ ކަމަށާއި، އަސާސީ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރެއްވީ ކުރު މުއްދަތަކަށް ކަމަށާއި، ކަންކަން އާންމު ހާލަތަކަށް އެޅުނުހާ އަވަހަކަށް އެ ހާލަތު އުވާލާނެ ކަމަށްވެސް ސްރީލަންކާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސްރީލަންކާގެ ރައީސާއި، ސަރުކާރުގެ އިސްތިއުފާއަށް ގޮވައި ސްރީލަންކާގެ ރައްޔިތުން ވެރިރަށް ކޮޅުނބާއި، އެހެން ރަށްތަކުގައިވެސް މުޒާހަރާ ކުރަމުންދާއިރު، ސަރުކާރުން އިސްތިއުފާ ދީފާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

އިންޑިއާއިން ސްރީލަންކާއަށް ދިން އެއްބިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓްލައިންގެ ތެރެއިން، މުޒަހަރާތަކުގައި ހައި ޕްރެޝަރުގައި ފެންޖަހާ ވެހިކަލެއް އިންޑިއާއިން ސްރީލަންކާއަށް އެތެރެކޮށްފައިވާ ކަމުގެ ރިޕޯޓްތައްވެސް ފެތުރިފައި ވެއެވެ. މިކަން އިންޑިއާ އެމްބަސީންވަނީ ދޮގުކޮށްފައެވެ.

އަނެއްކޮޅުން، ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އިމްޕީޗްކޮށް، ސަރުކާރުގެ އިތުބާރުނެތްކަމަށް ފާސްކުރަން އިދިކޮޅު ޕާޓީތަކުން މިހާރުވަނީ ސްރީލަންކާގެ ޕާލަމެންޓަށް މައްސަލަ ވައްދާފައެވެ. އިދިކޮޅުގެ ހުށަހެޅުމަށް ތާއީދުކުރަން، ސަރުކާރު ކޯލިޝަންގައި ކުރިން ހިމެނި އަދި ފަހުން މިނިވަން ގްރޫޕެއްގެ ގޮތުގައި ޕާލަމެންޓްގައި މަސައްކަތް ކުރަން ނިންމި ޕާލަމެންޓްގެ 40 މެމްބަރުންވެސް މިހާރުވަނީ ނިންމާފައެވެ. މި ގްރޫޕްގައި 12 ސިޔާސީ ޕާޓީ ހިމެނެއެވެ.