ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އީސީއިން ބުނީ ވޯޓު ދިނުމުގެ ހައްގު 2،900 މީހަކަށް ލިބިފައިވާ ކަމަށެވެ.

މި އިންތިހާބުގައި 6 ވޯޓު ފޮއްޓެއް ބަހައްޓާއިރު، މިފޮށިތައް ބަހައްޓާނީ ވިލިމާލެ މުހިއްޔުއްދީން ސްކޫލްގައެވެ.

މާލެ އަދި ހުޅުމާލޭގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، ވޯޓުފޮށި ބެހެއްޓޭ އަދަދަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައި ނުވާތީ، މާލެ އަދި ހުޅުމާލޭގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް އީސީން ވަނީ ނިންމައިފައެވެ.

އީސީއިން ބުނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހެނދުނު އޮންނާނެ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ މެމްބަރެއްގެ ގޮތުގައި ހުރި އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ.

މި ބައި އިލެކްޝަންގައި ވާދަކުރަން އެމްޑީޕީންވެސް ނިންމިއެވެ. އެކަމަކު އެ ޕާޓީއަށް އެފުރުސަތު ގެއްލުނީއެވެ. އެއީ ލަހުން ފޯމް ހުށަހެޅުމުންނެވެ.

މީގެކުރިން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލުނީ ނަން ހުށަހެޅުމަށް ހުޅުވާލި ވަގުތު ހަމަވިއިރުވެސް އެޕާޓީން ފޯމް ހުށަހަޅާފައި ނުވާތީ ކަމަށެވެ. ވަގުތު ހަމަވާފަހުން ނަން ބަލައިގަތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.