ތިރީގައި މިވަނީ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
*****
ގޭގެ ދޮރު ހުޅުވާލުމަށްފަހު އަހަރެން އެތެރެޔަށް ވަދެ އަރައިގެންހުރި ބޫޓު ބާލާފައި ހަރުގަނޑަށް ލީމެވެ. އަދި ފުން ނޭވާއެއްލާފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ވެފައިހުރި ވަރުބަލިކަމުން ތަސައްލީއެއް ހަށިގަނޑަށް ގެނައުމަށްޓަކައެވެ. އަޅައިގެންހުރި ޓައި ވާއަތުން ދޫކުރަމުން އަހަރެންގޮސް ކޮޓަރިއަށްވަދެ އޭސީ އޮންކޮށްލީމެވެ. އަދި ލައިގެން ހުރި އޮފީސް ޔުނިފޯމު ބާލައި ތުވާލި ކޮޑުމައްޗަށް އެއްލައިގެންގޮސް ވަނީ ފާހާނާއަށެވެ. ހޫނުގަދަ ދުވަސްވަރެއްކަމުން ފެންވަރާލުމުން ހަށިގަނޑަށް ލިބިފައިހުރި ވަރުބަލިކަން ލުއިވެގެންދިޔައެވެ. ރަނގަޅަށް ފެންވަރާލައިގެން އަހަރެން ނިކުތީ ކޮނޑާއި ހަމަޔަށް އަރާ ދިގު އިސްތަށިގަނޑު ހިއްކަމުންނެވެ. ފާހާނައިން ނިކުމެ ތުވާލި އަޅުވާލުމަށްފަހު ހަމަޖެހިލައިގެން އެނދުގައި ޖައްސާލީމެވެ.
ޒިހާން! ޒިހާން! އަހަރެންނަށް ހޭލެވުނީ މުނާ ގޮވާއަޑަށެވެ. ފުރަތަމަ ގޮވައިލުމުންވެސް އަހަރެންނަށް ހޭލެވުނެއްކަމަކު ފޯނުން ގަޑިބަލައިލާފައި ސްކްރީން ލޮކް ކޮށްލީމެވެ. އޭރު ގަޑިން ފަހެއް ޖަހަނީއެވެ. އަނެއްކާވެސް ބާލީހުގައި ބައްދާގަނެ އަހަރެން ހަމަޖެހިލީއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަނެއްކާވެސް މުނާ އަހަރެންނަށް ގޮވާލުމަށްފަހު ކާއެއްޗެއް ގަނެގެން ގެނެސްދިނުމަށް އެދުނެވެ. ނުކައްކަނީތަ ގޭގަ؟ ބޯހިއްލާލައި މުނާއާއިދިމާލަށް ބަލައިލަމުން އަހަރެން އަހާލީމެވެ. "އާ! މިއަދު ގޭތެރެ ސާފުކުރަން އުޅެނިކޮށް އެއްކަލަ ގޮތަށް ތަދު އެރީ! އެހެންވެ!" މުނާގެ ޖަވާބާއިއެކު އަހަރެންގެ ނިދި ފިލަންދެއް ބާލީހުގައި ބައްދައިގަނެގެން އޮތުމަށްފަހު އަހަރެން ފާހާނާއަށްވަދެ މޫނުދޮވެލައި ހަދައިގެން ގަމީހެއް ލައިގެން ނިކުތީބޭރަށެވެ.
މުނާއާއާއި އަހަރެން ކައިވެއްޏަށް މިހާރު ހަތަރު އަހަރު ވީއެވެ. މުނާއަކީ ވަރަށް ތަފާތު މިޒާޖެއްގެ މީހެއް ނަމަވެސް ފާއިތުވި ހަތަރު އަހަރު އަހަރެމެން އުޅެމުންއައީ ލޯބިންނެވެ. އަހަރެމެންގެ ދިރިއުޅުމުގައިވެސް މައްސަލަތަށް ޖެހެއެވެ. ނަމަވެސް އަހަރެން ގަބޫލުކުރަނީ އެއީ ކިތަންމެ ލޯބިން ދިރިއުޅުބައެއް ކަމުގައިވީނަމަވެސް ދިމާވާނެ ކަންކަންކަމުގައެވެ. ދިރިއުޅުމޭ ބުނެވެނީ އެފަދަ މައްސަލަތަށް ހައްލުކޮށް ކުރިޔަށްދިއުމައް ކަމަށެވެ. އަހަރެންނާއި މުނާގެ ކައިވެއްޏަށް ހަތަރު އަހަރުވީއިރުވެސް އަދި ދަރިއަކު ނުލިބެއެވެ. އަހަރެންނަކީ އަބަދުވެސް ބައްޕައަކަށް ވުމަށް ވަރަށްއެދޭ މީހެކެވެ. އަހަރެމެން ދަރިއަކު ހޯދުމަށް ދެފަހަރު ވަރަށް "ޓްރައި" ކުރީމެވެ. މުނާ 2 ފަހަރަށް ބަނޑުބޮޑުވި ނަމަވެސް 2 ފަހަރުވެސް ދިޔައީ ބައިގެންނެވެ. އަހަރެންގެ ނަސީބުގައި ބައްޕަޔަކަށްވުމުގެ ނަސީބު ނެތީކަންނޭގެއެވެ. ކަންތައްތައް ދިމާވި ހިތްދަތިގޮތުން އަހަރެން ހުންނަނީ ޒާތަކަށް ބޯގޮވާގޮތް ވެފައެވެ.
މުނާއާއި ދިމާވުމުގެ ކުރިން އަހަރެން އުޅެމުންއައީ މާލޭގައެވެ. ސަރުކާރު އޮފީހެއްގެ ރަނގަޅު މަގާމެއްގައެވެ. ނަމަވެސް މުނާގެ ރީތިކަމާއި, ފުރަތަމަ ނަޒަރުން އަހަރެންގެ ހިތް މުނާއަށް ދެވުނުކަމުން އަހަރެން މުނާއަށްޓަކައި އަދާކުރަމުން އައި ވަޒީފާއާއި ރައްޓެހިން ދޫކޮށް މުނާމެންގެ ރަށައް މުނާގެ މަންމަ ކައިރިޔަށް ބަދަލުވީމެވެ. އެއީ އަހަރެންނަކީ އާއިލާއެއް ނެތް މީހަކަށްވެފައި މުނާގެ ހުންނަނީ މުސްކުޅި މަންމައެއް އެކަނިކަމުންނެވެ. އަހަރެމެންގެ އާއިލާ ކިތަންމެ ކުޑަނަމަވެސް އަހަރެން އަހަރެންގެ އާއިލާއަށް ހުރިހާ އުފަލެއް ހޯދައިދިނީމެވެ. އަހަރެންނަކީ ކިޔަވައިގެން ހުރި މީހެއްކަމުން މުނާމެންގެ ރަށުން ރަނގަޅު ވަޒީފާއެއް ވަރަށް ފަސޭހައިން ލިބުނެވެ. ގޭތެރޭގެ ހުރިހާ ހަރަދުތަށް ބަލަހައްޓަމުން އަހަރެންގެ ބަލި މައިދައިތައަށް ހަރަދުކުރަމުންއައީ އަހަރެންނެވެ. އަހަރެންނަށް ވީ އެންމެ ފުރިހަމަޔަށް ރަނގަޅު ފިރިއެއްގެ ޒިންމާ އައީ އަދާކުރަމުންނެވެ.
މުނާއަކީ މާލޭގައި އުމުރުގެ ބޮޑުބައި ހޭދަކުރި މީހެކެވެ. ބައްޕަ ނިޔާވެފައިވުމުގެ ސަބަބުން މުނާބެލީ މުނާގެ މަންމަގެ ވަރަށްގާތް އެކުވެރިއެކެވެ. ދަރިން ނުލިބޭ ދެމަފިރިންކަމުން މުނާގެ މަންމަގެކައިރީ ވަރަށް އާދޭސްކޮށްގެން ކިޔަވައި ނިމެންދެއް އެދެމަފިރިން ގާތުގައި ބެހެއްޓުމަށް އެދުމުން މުނާގެ މަންމަ އެކަމަށް އެއްބަސްވީއެވެ. މާލޭގެ ރަނގަޅު ސްކޫލަކަށް ކިޔަވަން ފޮނުވައިދީ ދަރިއެއްފަދައިން މުނާބެލީ އެމީހުންނެވެ. ސްކޫލް ބަންދުތަކާއި އީދުފަދަ ހާއްސަ ދުވަސްތަކަށް މުނާ ރަށައްގޮސް ހެދިއެއްކަމަކު ރަށުގައި މުނާގެ ރައްޓެހިންނެއް ނުތިބެއެވެ. އަމުދުން އެ ރަށަކީ ބިންބޮޑު ސިޓީއެއް ކަމުން ގެތަށް ހުންނަނީ ދުރުދުރުގައެވެ. ވަކިން ހާއްސަކޮށް މުނާގެ މަންމަގެ ގެ ހުންނަނީ ވަރަށް އެކަހެރި ހިސާބެއްގައެވެ.
އަހަރެއްހާދުވަސްކުރިން އަހަރެމެންގެ ހުރި ހަމައެކަނި އާއިލާ މެންބަރު އަހަރެމެންނާއި ވަކިވެދިޔުން ވީ މުނާއާއި އަހަރެންގެ މިޒާޖަށް ބޮޑު ބަދަލެއް ގެނުވި ކަމަކަށެވެ. އަވަހަށް ކަންކަމާ ރުޅިއައުމާއި އެކަނި ވަގުތު ހޭދަކުރުމުގެ އިތުރުން މުނާއާއި އަހަރެން ކޮންމެސް ވަރަކަށް ދުރުވާކަންވެސް ފާހަގަވިއެވެ. އަހަރެން ހޯދި ހޯދުންތަކުން އެއީ ދެފަހަރު ބައިގެން ދިއުމާއި, މަންމަ ނިޔާވުމުން މުނާ ޑިޕްރެސް ވަނީކަމުގައި އަހަރެން ގަބޫލުކޮށް މުނާއަށް ޓައިމް ދިނީމެވެ. ވީވަރަކުން ހިތްހަމަޖައްސައިގެން ގެންގުޅެވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. އަހަރެންގެ އެދުމުގެ މަތިން މުނާ އޮންލައިން ކޮށް ތެރަޕީނަގައެވެ. ނަމަވެސް މުނާގެ ދިރިއުޅުމަށް ބަދަލެއް އަންނަ ކަމަކަށް އަހަރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
ސައިކަލަށްއަރާ ހަމަޖެހިލުމަށްފަހު އަހަރެން މުނީރުއަށް ގުޅާލީ ކޮފީއެއް ބޯލަން ދިއުމަށެވެ. މުނީރަކީ އަހަރެން މިރަށައް ބަދަލުވީއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. މަޖާ މިޒާޖެއްގެ މީހެކެވެ. އަހަރެން މުނީރު ފާހަގަކުރަނީ ވަރަށް "ޕޮސިޓިވް" މީހެއްގެ ގޮތުގައެވެ. ފޯނު ބޭއްވުމަށްފަހު ކެފޭއަށް އަހަރެން ދިޔައީ މުނީރުމެން ގޭދޮށައްގޮސް މުނީރު ނަގައިގެންނެވެ. އޭ.. އަސްލަންޓެ އިންނާނެ މީހަކު ހޯދަންވީޔޯ! ހިނގާބަލަ ލަނޑެއްދޭން! އެސްޕްރެސްސޯ ސޮޓް ޖަހާލުމަށްފަހު މުނީރުގެ ވާހަކަ ފެށިއެވެ. އަހަރެންވެސް ބޯންއިން ބިޓާރ ލެމަންފުޅިން އެތިކޮޅެއްބޯލާފައި " މަޖާވާނެ" ކަމަށް އެއްބަސްވެލީމެވެ. ފޭސްބުކުން ފޭކް އައިޑީއެއް ހަދަމާ! ކަލެއަށް ވާނެމިކަން! މުނީރުގެ ހިޔާލު އަހަރެންނަށްވެސް ކަމުދިޔައެވެ. އަދި އެއްބަސްވެލުމުގެގޮތުން އަހަރެން އެކަމާއި އުޅޭނެ ކަމަށްބުނީމެވެ.
ކޮފީ ނިންމާލުމަށްފަހު އަހަރެން ގެޔަށް ދިޔައީ މުނާއަށް ކްލަބް ސޭންޑްވިޗްއެއް ހިފައިގެންނެވެ. އެއީ ކްލަބް ސޭންޑްވިޗް އަކީ މުނާގެ އެންމެ ފެވަރިޓް އަށް ވީމައެވެ. އަހަރެން ކުރާ ކިތަންމެ ކުޑަ ނަމަވެސް ކަމެއްގައި މުނާއަށް އުފާ ހޯދައިދެވޭތޯ އަހަރެން އަބަދުވެސް މަސައްކަތް ކުރަމެވެ. ގިނަވަގުތު އޮފީހުގައި އުޅެންޖެހުމުން މުނާއަށް އަހަރެންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި ކުލުނު މަދުވިޔަ ނުދީވޭތޯ އަހަރެން ބަލަމެވެ. މުނާ! އާދޭ! މިހުރީ ޔުއާރ ފޭވަރިޓް! ކާމޭޒުމަތީގައި ޕާރުސަލުތަށި ބަހައްޓަމުން އަހަރެން ގޮވާލީމެވެ. އޯކޭ!ހޫމް! އޯކޭ! މިދަނީ ކާން! ބޭއްވީ! މުނާ ކޮޓަރިން ނިކުތީ ފޯނުން ވާހަކަދައްކަމުންނެވެ.
ފޯނު ބޭއްވުމަށްފަހު މުނާ ވަރަށް ލޯބިން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އަހަރެންގެ ކޮލަށް ބޮސްދިނެވެ. މިހާރަކަށްއައިސް މިއީ މުނާގެ ކިބައިން ނުފެއްނަ އާދައެއް ނަމަވެސް އަހަރެން މުނާގެ މި ހަރާކާތަށް ވަރަށް ގަޔާވިއެވެ. ބޭބް! ބުނީމެއްނު ކަޒިން އެއްގެ ވާހަކަ! އޭނަ މިކޮޅަށް ދުވަސްކޮޅަކަށް އަންނަންވެގެން! އޯކޭތަ? މުނާގެ ވާހަކައަށް އަހަރެން ތާއީދުކުރީ އެކަނިވެ ގޭގައި އެހެން އިންނަން ޖެހުމުން މުނާ މާބޮޑަށް ޑިޕްރެސް ވެދާނެތީއެވެ. " އާ! އޭރުން މުނާ ގޭގަ އެކަނި އިންނާކަށް ނުޖެހޭނު! އޭރުން ބޯހަމަޖެހި މީހާ ހަމަޔަކަށް އެޅިދާނެ!" އަހަރެންވެސް މުނާގެ ވާހަކަށް ތާއީދު ކުރުމުގެގޮތުން ބުނެލީމެވެ.
އޮފީސް ނިންމާލުމަށްފަހު އަހަރެން މުނީރުއަށް ގުޅީ އަހަރެމެންގެ ރޭވުންގަނޑު ކާމިޔާބުވާމުންދާތީ އެކަމުގެ ވާހަކަދައްކާލާށެވެ. އަހަރެން ފަޒީލާގެ ނަމުގައި ފޭސްބުކުގައި ފޭކް އައީޑީއެއް ހަދައި އަސްލަމު ހައްދަމުންދާތާ ދެތިންދުވަހެއް ވެއްޖެއެވެ. އަސްލަމަކީވެސް އަހަރެމެންގެ ގާތް އެކުވެރިއެއް ނަމަވެސް އޭނާ އަކީވެސް " އެކަހަލަ" ސަމާސާ ވަރަށްކުރާމީހެކެވެ. އެންމެ ފަހުންވެސް އަޑުބަދަލުކޮށްގެން މުނީރަށް ގުޅައި "ޑޭޓްއަކަށް" ގެންގޮސް ދެތިންގަޑިއިރު ކެފޭގައި ބޭންދުވީ އަސްލަމެވެ. އެހެންކަމުން މިފަހަރުމިއީ އަހަރެމެންގެ ފަހަރެވެ.
ކޮފީގައި ތިބިއިރު "ޗެޓް ލޮގް" ކިޔާފައި މުނީރާއި އަހަރެން ވަރަށް ހުނީމެވެ. އަސްލަމް މީހަކާއި އިންނަން ސީރިއަސްވެފައި ހުރިވަރުން އަހަރެމެން ކޮންމެވެސް ވަރަކަށް ހަމްދަރުދީ ވީނަމަވެސް އަހަރެމެންނަށް މިކަންތައްގަނޑުވީ ބޮޑު ސަކަރާތަކަށެވެ. އިޝާނަމާދަށް ގޮވުމުން ސަކަރާތްޖެހުން މެދުކަނޑާލާފައި ރަނގަޅަށް ދުފާލައިގެން އަހަރެން ނިކުތީ މުނާއަށް ކްލަބް ސޭންޑްވިޗް އަކާއި އަހުމަދަށް ފްރައިޑް ރައިސްއެއް ހިފައިގެންނެވެ. އަހުމަދު އައިފަހުން މުނާގެ މޫޑުވެސް ބޮޑުތަނުން ރަނގަޅުވެއްޖެއެވެ. މުނާ "ނޯމަލް" ވަމުން އަންނާތީ އަހަރެންވެސް ހުރީ ހިތްހަމަޖެހިގެންނެވެ. އަހުމަދު އައީ ހަފްތާއަކަށް ނަމަވެސް އަދި މަޑުކޮށްލައިގެން އެހުރީ އަހަރެންގެވެސް އެދުމުގެ މަތިންނެވެ.
ގޭ ދޮރުމަތީގައި ސައިކަލު ޕާކުކޮށްފައި އަހަރެން ގޭތެރެޔަށް ވަތްއިރު ގޭތެރޭގައި މީހަކު ނެތެވެ. އަތުގައި ހުރި ކޮތަޅު ކާމޭޒުމަތީގައި ބަހައްޓާފައި އަހަރެން އަހުމަދު ނިދާ ކޮޓަރިއަށް ވަދެލީ ކާން ގެނެސްފައި ހުރި ވާހަކަބުނަން ނަމަވެސް ކޮޓަރިއަކު މީހަކު ނެތެވެ. ފާހާނާގެ ދޮރު ހުޅުވިފައި ހުރި އިރު އިސްކުރުން ކޮންމެވެސްވަރަކަށް ފެން އަންނަ އަޑު އިވެއެވެ. ދެތިން ފަހަރަކު ގޮވާލުމުން އަހުމަދުގެ ހަބަރެއް ނުވުމުން އަހަރެން ފާހާނާ ބަލައިލީމެވެ. ފާހާނާގައިވެސް އަހުމަދު ނެތެވެ. ގޭގައި ނެތްވަގުތެއްކަމަށް ބަލާފައި އިސްކުރު ބާރުކޮށްލުމަށްފަހު އަހަރެން އަހުމަދުގެ ކޮޓަރިން ނިކުމެ އަހަރެމެންގެ ކޮޓަރިއަށް ދިޔައީ ފެންވަރާ ފްރެޝްވެލުމަށެވެ.
ކަންދިމާކުރިގޮތުން އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލިވަގުތަކީ އަހުމަދު އަހަރެމެން ކޮޓަރި ފާހާނައިން ނިކުތް ވަގުތެވެ. އޭރު މުނާ އެނދުމަތީ އިނެވެ. "އަހުމަދު ކޮޓަރި އިސްކުރު ހަލާކުވެގެން އެއުޅެނީ! އެހެންވެ އަހަރެންބުނީ މިކޮޅުން ފެންވަރާލާށޭ! " އަހަރެން ފެނުމާއިއެކު މުނާ އަވަސް އަވަހަށް ބުންޏެވެ. އަހުމަދުވެސް އަހަރެން ފެނިފައި ސިއްސައިގެން ދިޔަނަމަވެސް އޭނާގެ މޫނުމަތިން ހާސްކަން ނުދައްކަން މަސައްކަތް ކުރަމުން އެނދުގެ ކަނުގައި ހުރި ޖިންސާއި ޓީޝާޓު ހިފައިގެން ނިކުމެގެން ދިޔައީއެވެ. އެމަންޒަރުން އުނދަގޫވިނަމަވެސް އަހަރެން ހަމަޖެހިލީ މުނާގެ ބަސް ގަބޫލުކުރަމުންނެވެ. އަނެއްކޮޅުން އަހަރެން ދުވަހަކުވެސް މުނާއަށް ޝައްކު ނުކުރާކަމުންނެވެ. ނުވިތާކަށް އަހުމަދަކީ މުނާގެ ކަޒިންއެކެވެ.
ދަން ދެބައި ވަންދެއް ލޯމަރައިގެން އަހަރެން ނިދޭތޯ އޮތް ނަމަވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ކައިރީގައި މުނާ އަރާމު ނިންޖަކުން ނިދާފައި އޮތްއިރު އަހަރެންގެ ހިތުގައި ހާހުން ސުވާލުތަށް އެނބުރެމުން ދަނީއެވެ. އާއްމުކޮށް އަހަރެންނަކީ ބާރަ ޖެހުމުގެ ކުރިން ނިދާ މީހެއް ނަމަވެސް މިރޭ ލޮލަކަށް ނިންޖެއް ނާދެއެވެ. ކީއްވެގެންބާ? އިސްކުރު ހަލާކު ނުވާކަން ޔަގީން! މުނާ ދޮގު ހެދީބާ? ކީއްވެބާ ސިއްސައިގެން ދިޔައީ? އެނދުމަތީގައި ކީއްވެ އަހުމަދު ބޭލި އަންނައުނު ހުންނަންވީ? އަހުމަދާއި މުނާ އަހަންނަށް ކަމެއް ސިއްރު ކުރަނީބާ? މުނާ އަހަރެންނަށް ބޭވަފާތެރި ވެދާނެބާ? މިއީ އަހަރެންނަށް ކުރެވޭ ކުށް ހީއެއްބާ .....؟ (ނުނިމޭ)