ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ތަރައްގީ ކުރުވުނު މި ބާބިކިއު ސަރަހައްދުގައި ބާބައިކު ގްރިލް، ގޮނޑި، އަދި މޭޒާއި ބެންޗު ވަނީ ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ފިނި މައިޒާނެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
އެ މަސައްކަތުގެ ޕްރޮޕޯޒަލް ކާމިޔާބުކުރި މަހައްމަދު ވިސާހު ވިދާޅުވީ އުންމީދަކީ އެރަށުގެ ރައްޔިތުންނާއި އެރަށަށް ޒިޔާރަތް ކުރާ މީހުން މި ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދިއުން ކަމަށެވެ.
ބީއެމްއެލް ބުނީ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. އަދި މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.