ހަމާސްގެ އެންމެ އިސް ކޮމާންޑަރ އަދި ޣައްޒާގެ ވެރިޔާ ޔަހްޔާ ސިންވާރު އަވަހާރަކޮށްލަން އިސްތިއުމާރީ އިސްރާއީލުން ދެމުންގެންދާ އިންޒާރުތަކަށް ހަމާސްއިން ވަރަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ހަމާސްގެ އަސްކަރީ ފިޔައިގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ، ހަމާސްގެ ލީޑަރު އަޚް ޔަހްޔާ ސިންވާރު ނުވަތަ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ލީޑަރަކު އަވަރާކޮށްލައިފިނަމަ މުޅި އިސްރާއީލަށް ވަރުގަދަ "ބިންހެލުމެއް" އަންނާނެކަން އިސްތިއުމާރީ އިސްރާއީލުގެ ވެރިން ނިކަން ރަނގަޅަށް ދަންނަން ޖެހޭނެ ކަމަށެވެ.

އެކަން ވެގެންދާނީ ޒަޔަނިސްޓުންގެ ތާރީޚްގައި އަންނާނެ އެންމެ ވޭންދެނިވި ދުވަސްތަކަށް ކަމަށާއި، ހަމާސްއިން ތެލްއަވީވް އަންދާލާނެ ކަމަށެވެ. ތެލްއަވީވަކީ އިސްރާއީލުގެ ކުރީގެ ވެރިރަށެވެ. ނަމަވެސް، ޓްރަމްޕްގެ ތާއީދާއެކު އިސްރާއީލުން ފަހުންވަނީ ގުދުސް އެމީހުންގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައެވެ.

ހަމާސްއިން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދިންއިރު، އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ޣައްޒާގެ އެހެން ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުގެ އޮފިޝަލެއް ކަމަށްވާ ޚާދިރު ހަބީބް ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ލީޑަރަކު އަވަހާރަ ކޮށްލައިފިނަމަ އިސްރާއީލު ހީވެސް ނުކުރާވަރުގެ ވަރުގަދަ ރައްދެއް އަންނާނެ ކަމަށެވެ.

އިސްލާމިކް ޖިހާދުގެ އޮފިޝަލް ޚާދިރު ހަބީބް:

ޔަހްޔާ ސިންވާރު އަވަހާރަކޮށްލަން ދެމުންގެންދާ އިންޒާރުތަކާ ގުޅިގެން، ހަމާސްއިން ވެރިކަންކުރާ ޣައްޒާގެ އެތައްހާސް އާންމުންވަނީ މަގުތަކަށް ނުކުމެ އިސްރާއީލުން ދެމުންގެންދާ އިންޒާރުތައް ކުށްވެރިކޮށްފައެވެ. އަދި ޚާސް ޔޫނިސްގައި ހުންނަ ޔަހްޔާ ސިންވާރުގެ ގެކޮޅު ކައިރިއަށްވެސް އެތައްހާސް ބަޔަކުވަނީ އެއްވެ، އިސްރާއީލަށް ނުރުހުން ފާޅުކޮށް، ޔަހްޔާ ސިންވާރަށް ތާއީދުއޮތްކަން ހާމަކޮށް ޝުއޫރު ފާޅުކޮށްފައެވެ.

އަނެއްކޮޅުން، ހަމާސްގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަން އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓް އޭނާގެ ސެކިއުރިޓީ ކެބިނެޓާ މިރޭ ބައްދަލުކޮށް މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ޔަހްޔާ ސިންވާރު އަވަހާރަކޮށްލަން އިސްރާއީލުގެ ސިޔާސީ ލީޑަރުންނާއި، ސަރުކާރުގެ އޮފިޝަލުންވެސް ގެންދަނީ ގޮވާލަމުންނެވެ.

ޔަހްޔާ ސިންވާރު އަވަރާކޮށްލުމަކީ އިސްރާއީލުން ވަރަށް ބޭނުންވާ ކަމެކެވެ. މީގެކުރިންވެސް ޔަހްޔާ ސިންވާރާއި އޭނާގެ އާއިލާއަށް އަމާޒުކޮށް އުދުވާނީ ހަމަލާތައް ދީފައި ވެއެވެ. އަދި މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި އިސްރާއީލުގެ ޓެރަރިސްޓް ސިފައިން 11 ދުވަސްވަންދެން ޣައްޒާއަށް ރޮކެޓާއި މިސައިލާއި ބޮމުން ހަމަލާތައް ދިންއިރުވެސް ޔަހްޔާ ސިންވާރު އަވަހާރަކޮށްލަން މަސައްކަތް ކޮށްފައި ވެއެވެ.

އިސްރާއީލުން ދެމުންގެންދާ އިންޒާރުތަކާއެކުވެސް ޔަހްޔާ ސިންވާރު ޣައްޒާގައި އިއްޔެވެސް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން އުޅުއްވި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

ހަމާސްއާމެދު އިސްރާއީލު ބިރުގަނެ ކަންބޮޑުވެގެން އުޅޭއިރު، އިސްރާއީލުން އިސްތިއުމާރުކޮށް ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހުރިހާ ރަށެއްގައި އިސްރާއީލާ ދެކޮޅަށް ވަރަށް ވަރުގަދަ ދެކޮޅުވެރިކަމެއް ކުރިމަތިވަމުން އެބަދެއެވެ. މިކަމުގައި އިސްކޮށް އުޅެނީ ފަލަސްތީނުގެ ޒުވާނުންނެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިންނާއި، ފުލުހުންނާއި އަދި ފަލަސްތީނުގެ ރަށްތަކުގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް ފަލަސްތީނުގެ ޒުވާން ފަށާފައިވާ ދެކޮޅުކަމުގައި ވޭތުވެދިޔަ 45 ވަރަށް ދުވަހުގެ ތެރޭގައި އިސްރާއީލުގެ 18 މީހުން މަރާލައި، އެތައް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

ފަލަސްތީނު ޒުވާނުންގެ ހަމަލާތައް ވަރުގަދަވެ މައިތިރި ނުކުރެވިގެން އިސްރާއީލު މިހާރު ވަރަށް ބޮޑަށް ހާސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރައްދުގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ގެންދަނީ ފަލަސްތީނު ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށް، ކުޑަކުދިންނާއި އަންހެނުންވެސް ހައްޔަރު ކުރަމުންނެވެ. ފަލަސްތީނުގެ އަވަށްތައް ރެއިޑްކޮށް ބޮޑެތި ގެއްލުންތައްވެސް ދެމުންނެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހައްޔަރުކޮށްގެން ގެންދަނީ: