ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެރޭ މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑުން އެޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ފުރަތަމަ 11 ގައި ނުހިމަނާ ކުޅެ، އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެއްޖެއެވެ.

ލީގު ޓައިޓަލް ކަށަވަރު ކުރެވިފައި އޮތުމާއިއެކު މިމެޗުގެ ފުރަތަމަ 11 ގައިވެސް އަދި މުޅި މެޗުގައިވެސް މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ 11 ގައި ލޫކާ މޮޑްރިޗް، ފެޑެރިކޯ ވަލްވާޑޭގެ އިތުރުން ފާލެންޑް މެންޑީ އާއި ވިނީޝިއުސް ޖޫނިއަރ އަށް ފުރަތަމަ 11 ގައި ފުރުސަތެއް ނުދެއެވެ. އަދި އެއް ނަމްބަރު ކީޕަރު ތިބޮއު ކޯޓުއާ އާއި އިތުބާރު ކީޕަރު ޑެނީ ކާވަހާލްގެ އިތުރުން އެޓީމުގެ ތަރި ކަރިމް ބެންޒެމާ އަށް މިމެޗުގެ އެއްވެސް ހިސާބަކުން ފުރުސަތު ދީފައެއް ނުވެއެވެ. ހަމަ އެހެންމެ އަނިޔާގައި ހުރި ޑޭވިޑް އަލާބާވެސް ނުހިމެނެއެވެ.

މުހިންމު ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ދިނުމުގެ ގޮތުންނާއި ޒުވާން އައު ކުޅުންތެރިންނަށް ފުރުސަތުދިނުމުގެ ގޮތުން ރެއާލް އިން މެޗުގައި އެކުޅުންތެރިން ބޭނުންކުރިއިރު މިމެޗުގައި އެޓީމު އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވީ 0-1 ގެ ފަރަގު ކުޑަ ނަތީޖާއަކުންނެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުންވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގައި ރެއާލުން ޖުމްލަ 15 ހަމަލާއެއް ފޮނުވާލިއިރު 5 ހަމަލާއެއް ވަނީ އޮން ޓާގެޓަށް ފޮނުވާލާފައެވެ. އަދި އެތްލެޓިކޯ އިން 16 ހަމަލާއެއް ފޮނުވާލިއިރު 2 ހަމަލާއެއް ވަނީ ޓާގެޓަށް ފޮނުވާލާފައެވެ.

މުޅި މެޗުގެ ޕޮޒެޝަން އަށް ބަލާލާއިރު ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. އެޓީމުން ވަނީ މެޗުގެ 59 އިންސައްތަ ޕޮސެޝަން ހިފަހައްޓާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލިބުނު ޕެނަލްޓީއަކުން އެތްލެޓިކޯ އިން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން އެތްލެޓިކޯގެ މަޓެއުޒް ކޫންޏާ އަށް ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީގައި ލަނޑު ޖަހައިގެން މެޗުން އެތްލެޓިކޯ މޮޅު ކޮށްދިނީ ޔަނިކް ކަރާސްކޯއެވެ.

މި މޮޅާއެކު އެތްލެޓިކޯ އިންވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. އެގޮތުން މިވަގުތު އެތްލެޓިކޯ އަށް ލަލީގާގެ ޕޮއިންޓު ތާވަލުގެ 4 ވަނަ ލިބެނީ 35 މެޗުން 64 ޕޮއިންޓާއެކުއެވެ. އެތްލެޓިކޯގެ ފަހަތުން ތާވަލުގެ ފަސްވަނައިގައި އޮތް ރެއާލް ބެޓިސް އަށް 35 މެޗުން ލިބެނީ 58 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި ސެވިއާ އޮތީ 35 މެޗުން 65 ޕޮއިންޓާއެކުއެވެ. އަދު ދެވަނައިގައި 69 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު މި ސީޒަނުގެ ލަލީގާގެ ޓައިޓަލް ކަށަވަރުކޮށްފައިވާ ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 35 މެޗުން 81 ޕޮއިންޓާއެކުއެވެ.