މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ޑީސެލް ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ އިތުރަށް އެހެން ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ.

އެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ރިނިއުބަލް އެނާޖީ ޑިޕާޓްމަންޓެއް އުފައްދަވާ އެ މަސައްކަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާއްވަމުންގެންދަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭ ވަރުގެ ޕްރޮޖެކްޓެއް ޑިޒައިންކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ސޯލާ ޕެނަލް ހަރުކުރުމަށް ތަން ހޯދުމުގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތް މިހާރު އަޅުގަނޑުމެން އެނާޖީ މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ ބޭފުޅުންގެ އެޕްރޫވަލް އާއެކީގައި މިހާރު ދެން ސިޓީ ކައުންސިލާ ވާހަކަ ދައްކާން ޖެހިފަ އޮތީ. ސިޓީ ކައުންސިލާ މަޝްވަރާކުރުމަށް ފަހު އަޅުގަނޑު އުންމީދުކުރާ ގޮތުގަ މިއަހަރުގެ ތެރޭގަ އަޅުގަނޑުމެންނަށް ދެ މެގަވޮޓުގެ ސޯލާ އުފެއްދުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދެވޭނެ. އަދި މީގެ އިތުރުން މާލޭގެ ކަސްޓަމަރުންގެ ތެރެއިން އަޅުގަނޑުމެންނަށް އިމާރާތްތަކުގެ ފުރާޅުތައް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރާޅުތައް ކުއްޔަށް ދޫކުރުމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން އެބަ ފަށަން."
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު

ޝަރީފް ވިދާޅުވީ ކުއްޔަށް ފުރާޅުތައް ނެގުމަށް ފަހު އެ ފުރާޅުތަކުގަ ސޯލާ ޕެނަލް ޖެހުމަށް ފަހު އަވިން ހަކަތަ ޖެނެރޭޓް ކުރުމުގެ މަސައްކަތްކޮށް ގްރިޑާ ގުޅުވާލާނީ ކަމަށެވެ.

ފުރާޅުތައް ކުއްޔަށްދޭ ގޭގެ ވެރި ފަރާތުގެ ބިލުން ޑިސްކައުންޓް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

އަލަށް ގާއިމްކުރާ 70 މެގަވޮޓުގެ ޕަވަރޕްލާންޓުގެ އިންޖީނުގެތައް ޑިޒައިންކުރާނީ ޑުވެލް ފިއުލް ބޭނުންކުރެވޭ ގޮތަށްކަން ފާހަގަކުރައްވާ ޝަރީފް ވަނީ ޑިސަލްގެ އިތުރުން އެހެން ވަސީލަތެއް ބޭނުންކުރެވޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

އެހެންވީމަ އޭގެ މާނައަކީ ގްރީން އެނާޖީއަށް ވާސިލްވުމަށްޓަކައި ކުރަން ހުރި ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިއަށްގެންދާނަން."
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު

އެމްޑީ ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގަ ސްޓެލްކޯގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.