އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ނިއުކާސަލްގެ މައްޗަށް ހޯދި މޮޅާއެކު މެންޗަސްޓަރ ސިޓީން ދުވަސްތަކަކަށްފަހު ތިން ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ފާއިތުވީ ދެ މަހެއްހާ ދުވަހު މެންޗަސްޓަރ ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ. އެހެންކަމުން ލިވަޕޫލުން ސިޓީ އަށްވުރެ އިތުރަށް މެޗެއް ކުޅޭ ކޮންމެ ފަހަރަކު ލިވަޕޫލަށް ތާވަލުގައި ވަގުތީގޮތުން ކުރި ލިބެއެވެ. އެހެންނަމަވެސް މިކަމަށް ނިމުމެއް އައީ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލިވަޕޫލާއި ޓޮޓެންހަމްގެ ކުރިމަތިލުން އެއްވަރުވެ، އާދިއްތަ ދުވަހުގެރޭ ސިޓީން ނިއުކާސަލްގެ މައްޗަށް ބޮޑު މޮޅެއް ހޯދުމާއެކުއެވެ.

މިހާރު ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 35 މެޗުން 86 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ ހަމަ މިއަދަދަށް މެޗު ކުޅެ 83 ޕޮއިންޓާއެކުއެވެ. ލީގުގައި މި ދެޓީމަށްވެސް ބާކީ އޮތީ އެންމެ ތިން މެޗެވެ. ފައިދާ ގޯލަށް ބަލާލާއިރުވެސް ލިވަޕޫލަށްވުރެ އިތުރަށް 4 ލަނޑު ސިޓީއަށް އެބައޮތެވެ.

އާދިއްތަ ދުވަހުގެރޭ ސިޓީން އަމިއްލަ ދަނޑުގައި ކުޅެ ނިއުކާސަލް ބަލިކުރީ 0-5 ގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވީ ހަފްތާގެ ތެރޭގައި ސިހުން ގެނުވިގޮތަކަށް ރެއާލް މެޑްރިޑުން ސިޓީގެ މައްޗަށް ކުރިހޯދާ އެޓީމު ޗެމްޕިއަންސް ލީގުން ކަޓުވާލުމުން ލިބުނު ހިތާމައިން އަރައިގަންނަން ލިބުނު ބޮޑު އެހީއަކަށް ވާނެއެވެ.

މިދިޔަ ސީޒަނުގެވެސް ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީން ނިއުކާސަލް އާއި ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު މިމެޗުގެ 19 ވަނަ މިނެޓުގައި ވަނީ ލަނޑެއް ޖަހާ ލީޑުނަގާފައެވެ. ޖޮއާއޮ ކެންސަލޯގެ އެސިސްޓަކުން މިލަނޑު ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިންގ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ދެވަނަ ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ އައިމެރިކް ލަޕޯޓް ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެންވެސް ކުޅުން އިތުރަށް ވަރުގަދަކޮށް މޮޅަށް ކުޅުނީ ސިޓީގެ ކުޅުންތެރިންނެވެ. މިހާފު ފަށައިގެންވެސް 16 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ، ކެވިން ޑިބްރުއިނާ ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު ކާމިޔާބު ކޮށްދިނީ ރޮޑްރީއެވެ. އަދި ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި ޒިންޗެންކޯގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ފިލް ފޯޑެން އެވެ.

މެޗުގައި ސިޓީން ޖެހި ފަސްވަނަ ލަނޑަކީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ސްޓާލިންގ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ޖެކް ގްރީލިޝްގެ އެސިސްޓަކުން ސްޓާލިންގ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން ހޯދި މޮޅާއެކު ސިޓީ އަށް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބުންއިރު މެޗުން ބަލިވި ނިއުކާސަލް އޮތީ ތާވަލުގެ 13 ވަނައިގައި ކުޅުނު 36 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ.

ސިޓީން ލީގުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ރަށުން ބޭރުގައި މިމެޗުގައި ސިޓީ ނުކުންނާނީ ވުލްވްސް އާއި ދެކޮޅަށެވެ. ވުލްވްސް އިންވަނީ އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ވަރުގަދަ ޗެލްސީއާ 2-2 އިން އެއްވަރުކޮށްފައެވެ.