ސަރުކާރުން ފަށާފައިވާ "ޕޭ ހާމަނައިޒޭޝަން"ގެ މަސައްކަތް ނިމޭއިރު ލެކްޗަރާއިން ވެސް ހިމެނޭހެން ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސުން މިހެން ބުނެފައިމިވަނީ ޓީޗަރުންގެ މުސާރަ ބޮޑުވި ނަމަވެސް، ލެކްޗަރާއިންގެ މުސާރަ ބޮޑު ނުވާތީ، އެކަމުގެ ކަންބޮޑުވުން ލެކްޗަރާއިން ފާޅުކުރަމުން ގެންދަނިކޮށެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒް ކުރުން ކަމަށެވެ. އަދި އެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި އެ މަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތް ވެސް ކުރިޔަށްދާނެ ކަމަށް ފިނޭންސުން ބުނެއެވެ.

ހަމަ ޕޭ ފްރޭމްވޯކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު އެއް މަސައްކަތް ކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވާކަށް އަމަލުކުރަން ފެށުމާ ގުޅިގެން މިހާތަނަށް މުސާރައާއި ޢިނާޔަތް ދެމުންދިޔަ ގޮތަށް ބަދަލުތަކެއް ގެނެވޭނެ ކަމަށާ، ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އަދި ކުރީގައި އެއް މަގާމެއްގައި އެއް މަސައްކަތެއް ކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތާލެވޭނެ ކަމަށާއި، އެގޮތުން މި މަސައްކަތަކީ ދިރާސާތައް ކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެ. އެގޮތުން ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން މި މަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރެވިގެންދާނެ."
ފިނޭންސް މިނިސްޓްރީ

ލެކްޗަރާ އިން އައު ފްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ދާދިފަހުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ އެ މަސައްކަތް ވަރަށް އަވަހަށް ނިމުމަކާ ހަމައަށް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

ހަމަ އެހެންމެ ޓީޗަރުންގެ މުސާރަ ބޮޑުކުރައްވައި އެކަން އިޢުލާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެސް ވަނީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއާ އެނޫން ވެސް ދާއިރާތަކަށް އެބަދަލު އަންނާނެކަން ހާމަކުރައްވާފައިކަން ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ދިރާސާ ކުރައްވަމުންގެންދަވާކަން އެ ބަޔާނުގައި ވަނީ ބަޔާންކުރައްވާފައެވެ.