އަވަށްޓެރި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

ލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ އިސްތިޢުފާ ދެއްވީ، އެގައުމުގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމަނިކުފާނު އިސްތިޢުފާ ދެއްވީ މިދިޔަ ހުކުރު ދުވަހު އޮތް ކެބިނެޓް ބައްދަލުވުމެއްގައި، ރައީސް އެކަމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

އެގައުމުގައި މިއަދު ސަރުކާރަށް ތާއިދުކުުރުމުގެ ގޮތުންވެސް އެއްވުންތަކެއް ބާއްވާފައިވެއެވެ. އެ އެއްވުމުގެ ބައިވެރިންނާއި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި، 70 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

ލަންކާގެ ރައްޔިތުން ރުޅިގަދަވެ، މުޒާހަރާތައް ކުރަމުންދަނީ، އަސާސީ އެތައް ހައްގަކުން އެ މީހުން މަހުރޫމްކުރަމުންދާ ކަމަށް ބުނެއެވެ. ލަންކާގައި ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމާއެކު އެ ގައުމުގެ ގިނަ އަދަދަދެއްގެ ރައްޔިތުން އުޅެމުން ދަނީ ވަރަށް ހާލުގައެވެ.

އެ ގޮތުން، ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ ގޭހާއި ތެޔޮ ގަންނާނެ ފައިސާ ނެތުމުގެ ސަބަބުން ޢާއްމުންނަށް ވަނީ ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކައްކާ ގޭސް ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިވެ ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ލިބުމުގައި ވެސް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

އެ ގައުމުގައި ހަމަނުޖެހުންތައް ބޮޑުވެ ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު ވެސް އިއުލާންކޮށްފައެެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހުނީ ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމްކުރުމަށް ކަމަށާއި، އެކަމަކީ، ސްރީ ލަންކާއަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ކާރިޘާއިން އަރައިގަތުމަށް އެންމެ މުހިންމު ކަންތައް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

އަނެއްކޮޅުން، ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މަގާމުން ދުރުކޮށް، ސަރުކާރުގެ އިތުބާރުނެތް ކަމަށް ފާސްކުރަން އިދިކޮޅު ޕާޓީތަކުން މިހާރުވަނީ ސްރީލަންކާގެ ޕާލަމެންޓަށް މައްސަލަ ވައްދާފައެވެ.

އިދިކޮޅުގެ ހުށަހެޅުމަށް ތާއީދުކުރަން، ސަރުކާރު ކޯލިޝަންގައި ކުރިން ހިމެނި އަދި ފަހުން މިނިވަން ގްރޫޕެއްގެ ގޮތުގައި ޕާލަމެންޓްގައި މަސައްކަތް ކުރަން ނިންމި ޕާލަމެންޓްގެ 40 މެމްބަރުންވެސް މިހާރުވަނީ ނިންމާފައެވެ. މި ގްރޫޕްގައި 12 ސިޔާސީ ޕާޓީ ހިމެނެއެވެ.