ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ދެމެދުގައެވެ.

އެއްބަސްވުމުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އަންނަ މީހުންނަށް ބޭނުންވާނެކަމަށް ފެންނަ ޚިދުމަތްތަކާއި ވަޞީލަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަށް، ޕީޖީ އޮފީހަށް ލިބޭ މަޢުލޫމާތު ޖެންޑަރ މިނިސްޓްރީއަށް ފޯރުކޮށްދޭނެއެވެ. އަދި އެގޮތަށް ފޯރުކޮށްދޭ މަޢުލޫމާތު ބަލައިގަނެ، އެ މަޢުލޫމާތުގެ މައްޗައް ޢަމަލުކުރުމާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރާނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްއެވެ.