"ފަޒީސް ހިޖާމާ ތެރަޕީ"ގެ ނަމުގައި ހިޖާމާގެ ޚިދުމަތް ދިނުމަށް ހިންގަމުން އަންނަ ތަނަކީ ރަޖިސްޓަރީނުކޮށް ހިންގަމުން އަންނަ ތަނެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

'ފަޒީސް ހިޖާމާ ތެރެޕީ'ގެ މައްސަލަ އަނެއްކާ ވެސް ފެންމަތިވެފައި ވަނީ ހަކުރު ބައްޔަށް ޖަހަމުން އަންނަ އިންސޫލިންގެ ބަދަލުގައި ހިޖާމާ ޖެހުމުން ހަކުރު ބަލިން ފަސޭހަވާނެ ކަމަށް ބުނުމުންނެވެ.

'ފަޒީސް ހިޖާމާ ތެރެޕީ'ގެ ފޭސްބުކް ޕޭޖްގައި އެ ގޮތަށް ބުނެފައިވާއިރު، ގިނަ ބަޔަކު ވަނީ އެއީ ދޮގު ވާހަކައެއް ކަމަށް ބުނެފައެވެ. އަދި ހަކުރު ބަލީގެ ހާއްސަ ޑޮކްޓަރުން ވެސް ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، 'ފަޒީސް ހިޖާމާ ތެރެޕީ' ހެލްތު މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައި ނުވާ ކަމަށެވެ. ރާއްޖޭގައި ސިއްހީ ޚިދުމަތެއް ދޭ ނަމަ ދެވޭނީ އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ހެލްތު މިނިސްޓްރީން ވަނީ މިއަދު އޭނާ ބައްދަލުކުރަން ނިންމާފައެވެ. ނަމަވެސް ބައްދަލުވުމުގެ ތަފުސީލެއް އަދި ނުލިބެއެވެ.

'ފަޒީސް ހިޖާމާ ތެރެޕީ' ހިންގާ ފަޒީލާ ނަމަކަށް ދިވެހި އަންހެނަކު މިނިސްޓްރީއަށް ހާޒިރުވުމަށް އަންގާފައިވާކަން ހާމަ ކުރަމުން އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، މީގެ ކުރިން ވެސް އެގޮތަށް ރަޖިސްޓްރީ ނުކޮށް ސިއްހީ ހިދުމަތް ދެމުން އަންނަ މައްސަލަ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި އޭރު ވެސް ރަޖިސްޓްރީކޮށް ނަގަން ޖެހޭ ހުއްދަތައް ނަގުމަށް ފަޒީއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އެ ގޮތަށް އެކަން ކުރާ ނަމަ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް 'ފަޒީސް ހިޖާމާ ތެރަޕީ' އިން ދޮގު މައުލޫމާތު ފަތުރާތީ އާއި ކަސްޓަމަރުންނާއި އާންމުންނަށް މުއާމަލާތުކުރާ ގޮތާމެދު ހިތްހަމަނުޖެހިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ތަން ހިންގާ ފަޒީލާއަށް އަމާޒުވެފައި ވެއެވެ.

'ފަޒީސް ހިޖާމާ ތެރަޕީ' އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ. 2019 ވަނަ އަހަރު ވެސް ހެލްތް މިނިސްޓްރީން ވަނީ އެ ތަން ބަންދު ކުރުމަށް އަންގާފައެވެ. ނަމަވެސް ޚިދުމަތް ދިނުން ހުއްޓާފައެއް ނުވެއެވެ.