ސްރީލަންކާގައި ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރަކު އަވަހާރަވެއްޖެއެވެ.
އަވަހާރަ ވެފައިވަނީ އަމަރަކީރްތީ އަތުކޮރަލާ ނަމަކަށްކިޔާ މެމްބަރެކެވެ. އޭނާ ނިސްބަތްވާ ޕާޓީއަކީ މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަމިއްލަފުޅު ޕާޓީއެވެ.
އޭނާ އަވަހާރަވީ، ނިއްޓަމްބުވާ ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ އާންމުންނާ ދެމެދު މިއަދު ހަވީރު ހިނގި ކުރިމަތިލުމެއްގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ނިއްޓަމްބުވާ ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ ބައެއްގެ ގަޔަށް، ޕާލަމެންޓް މެމްބަރު އަމަރަކީރްތީ އަތުކޮރަލާ ދަތުރުކުރެއްވި ވެހިކަލުން ފޭބި ބަޔަކު ބަޑިޖެހީއެވެ. އެއީ، ވެހިކަލަށް ހުރަސްއެޅުމުންނެވެ. ބައެއް ރިޕޯޓްތައް ބުނަނީ، އާންމުންގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލީ ޚުދު އަމަރަކީރްތީ އަތުކޮރަލާ ކަމަށެވެ.
ބަޑިޖެހުމުގެ ސަބަބުން އާންމުންގެ 3 މީހަކު ޒަޚަމްވި ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ، ބަޑިޖެހުމުގެ ހާދިސާ ހިނގުމާއެކު ޕާލަމެންޓް މެމްބަރު އަމަރަކީރްތީ އަތުކޮރަލާ އެތަނުން ފިއްލަވައިގެން ވަޑައިގަތީއެވެ. އޭނާ ހިމާޔަތް ހޯއްދެނީ އެތާ ކައިރީގައި ހުރި އިމާރާތަކުން ކަމަށްވެސް ބުނެފައި ވެއެވެ.
މިހާދިސާ ހިނގާފައިވަނީ، ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި މިއަދު ހިނގި ވަރުގަދަ މުޒަހަރާތަކުގެ ތެރޭގައެވެ.
މިއަދުގެ މުޒާހަރާތަކުގައި، މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންނާއި، އާންމުންނާ ދެމެދު ވަރުގަދަ ތަޅާފޮޅުންތަކެއް ހިނގައި ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ.
މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންވަނީ، ބޮޑުވަޒީރުގެ އޮފީސް ޓެމްޕަލް ޓްރީ ކައިރީގައާއި، ގޯލްފޭސް ގްރީން ސަރަހައްދުގައި މުޒަހަރާ ކުރަމުންދާ އާންމުންނަށް ހަމަލާދީފައެވެ. މިކަމާހެދި މުޅި ސްރީލަންކަ މިއަދު ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިގެން ގޮސްފައި ވެއެވެ.
ސްރީލަންކާގެ އެކި ހިސާބުތަކުގައި އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖެހުމުގެ ހާދިސާތައް މިހާރުވެސް ހިނގަމުން އެބަދެއެވެ. ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓު އެތައް މެމްބަރުންގެ ގެކޮޅާއި ވެހިކަލްތަކަށްވެސް ހަމަލާތައް ދީފައި ވެއެވެ. އަދި ސަރުކާރަށް ނިސްބަތްވާ ސިޔާސީ ލީޑަރުންނާއި، މޭޔަރުގެ އޮފީސްތަކާއި ގެތަކަށްވެސް ހަމަލާތައް ދެމުން އެބަގެންދެއެވެ.
ބޮޑުވަޒީރުގެ އޮފީހުގެ ބޭރުގައި އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު މިހާރުވެސް ކުރިމަތިލުންތައް ހިނގަމުން އެބަދެއެވެ. ފުލުހުން ގެންދަނީ އާންމުންނަށް ކަރުނަގޭހުން ހަމަލާދެމުންނެވެ.
ގޯލްފޭސް ސަރަހައްދުގައި ހަމަޖެހުން ގާއިމްކުރުމަށް ފުލުހުންނަށް އެހީތެރިވުމަށް ސްރީލަންކާ ސިފައިންވެސް މިހާރުވަނީ ނުކުމެފައެވެ. ދިފާއީ ވުޒާރާއިންވަނީ އާންމުންގެ އެއްބާރުލުމަށްވެސް އެދިފައެވެ.
ވެރިރަށް ކޮޅުނބާއި، ސްރީލަންކާގެ އެކި ހިސާބުތަކުގައި މިއަދު ހިންގި ހަމަނުޖެހުންތައް ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ، ހަމަނުޖެހުން ހިންގައިގެން ސްރީލަންކާއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ނުވާނޭ ކަމަށެވެ.