މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ހައްޔަރުކުރުމަށް ސްރީލަންކާ ޕާލަމެންޓް މެމްބަރަކު ގޮވާލައްވައިފިއެވެ.

މިކަމަށް ގޮވާލެއްވީ، ޓެމިލް ނޭޝަނަލް އެލަޔަންސަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރ އެމްއޭ ސުމަންތިރަންއެވެ.

އޭނާ ވިދާޅުވީ، ސްރީލަންކާގެ ވެރިރަށުގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދިޔަ އާންމުންނަށް ހަމަލާދީ، ތަންތަނަށް ދިން ބޮޑެތި ގެއްލުންތަކާ ގުޅިގެން މަހިންދަ ރާޖަޕަކްސަ ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭ ކަމަށެވެ.

މަހިންދަ ރާޖަޕަކްސަގެ އިތުރުން، މުޒާހަރާ ކުރަމުންދާ އާންމުންނަށް ހަމަލާދިނުމަށް ރޭވުމުގައި އިސްކޮށް އުޅުނު އެންމެނާއި، އަދި މުޒާހަރާއަށް ހަމަލާދިނުމަށް ކޮޅުނބަށް މީހުން އެއްކުރި އެންމެން ހައްޔަރުކޮށް މައްސަލަ ތަހްގީގުކޮށް ޝަރީއަތަށް ހުށަހަޅަން ޕާލަމެންޓް މެމްބަރު އެމްއޭ ސުމަންތިރަން ވަނީ ގޮވާލައްވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ޓެމްޕަލް ޓްރީ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ އާންމުންނަށާއި، ގޯލްފޭސްގައި ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންދިޔަ އާންމުންނަށް ހަމަލާދޭން މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން މަގުތަކަށް ނުކުތީ ޓެމްޕަލް ޓްރީގައި މަހިންދަ ރާޖަޕަކްސައާއެކު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.

ޓެމްޕަލް ޓްރީ ކައިރީގައާއި، ގޯލްފޭސްގައި މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ހަމަލާދިނުމާއި، އެއްޗެއްސަށް ބޮޑެތި ގެއްލުންތައް ދިނުމާ ގުޅިގެން އާންމުން ރުޅިއައިސްގެން ރަށުތެރެއަށް ނުކުމެ މަހިންދަ ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުންނާއި، ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހުންނާއި، މޭޔަރުންގެ ގެތަކާއި، ވެހިކަލްތަކުގައި ހުޅުޖަހަމުން އެބަގެންދެއެވެ.

ރުޅިއައިސްފައިވާ އާންމުންވަނީ، ރާޖަޕަކްސަ އާއިލާ ނިސްބަތްވާ ހަމްބަންޓޯޓާގެ މެޑަމުލަނައިގައި ހުންނަ ރާޖަޕަކްސަ އާއިލާގެ މައިފުނަ ގޭގައިވެސް ހުޅުޖަހައި އަންދާލާފައެވެ. އަދި މެޑަމުލަނައިގަ ހުންނަ ރާޖަޕަކްސަ މިއުޒިއަމްގައިވެސް ހުޅުޖަހާފައިވެއެވެ.

އަނެއްކޮޅުން، ވީރަކެޓިޔާ ނަމަކަށްކިޔާ ސަރަހައްދުގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގައި 2 މީހުން މަރުވެފައިވާކަން ފުލުހުން ކަށަވަރު ކޮށްދީފައި ވެއެވެ. ބަޑިޖެހުމުގެ ސަބަބުން އިތުރު 5 މީހުން ޒަޚަމްވި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މުޅި ސްރީލަންކާގައި ހަމަނުޖެހުންތައް ހިންގާން ފެށުމުން، ބުދަ ދުވަހުގެ ހެނދުނު، ސްރީލަންކާ ގަޑިން ހެނދުނު 7 ޖެހުމާ ހަމައަށް މުޅި ސްރީލަންކާގައި މިހާރުވަނީ ކާފިއު ހިންގާފައެވެ. މާނައަކީ އާންމުން ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.

ވެރިރަށް ކޮޅުނބުގައި ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ސްރީލަންކާ ސިފައިންވެސް މިހާރުވަނީ ރަށުތެރެ ކޮންޓްރޯލް ކުރުމަށް ނުކުމެފައެވެ.