މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2022 ގައި ބައިވެރިވެއްޖެއެވެ.

އޭޓީއެމް 2022 ކުރިއަށް ދާނީ މިމަހުގެ 9 އަކުން 12 އަށް ދުބާއީގެ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ– ދުބާއީވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

އޭޓީއެމްއަކީ މެދުއިރުމަތީގައި ބާއްވާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމާ ގުޅޭ އެންމެ ބޮޑު އެއް ހަރަކާތެވެ. ކޮންމެ އަހަރަކު ބާއްވާ މި ހަރަކާތް ކުރިއަށް ގެންދާތާ މިއީ 28 ވަނަ އަހަރެވެ. މި ހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްތައް އަދި ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ.

މިއީ މިއަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީއިން މި މާކެޓުގައި ބައިވެރިވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. އަދި މި މާކެޓުގައި މިއަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީ އަދި އިންޑަސްޓްރީގެ ޕާޓްނަރުން ހިމެނޭހެން ރާއްޖެ ތަމްސީލްކުރުމަށް މިހާ ބޮޑު ޓީމެއް މިފަދަ ހަރަކާތެއްގައި ބައިވެރިވާފުރަތަމަ ފަހަރެވެ. ރާއްޖޭގެ 62 ކުންފުންޏަކުން މި ހަރަކާތުގައި ބައިވެރިވާނެއެވެ.

މިހަރަކާތުގެ ތެރެއިން ރާއްޖެއިން މުހިންމު ބައްދަލުވުންތަކާއި، ނެޓްވޯކިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި މި އިވެންޓްގެ ހަވާސާގައި އެމްއެމްޕީއާރުސީ އާއި ގަތަރު އެއަރވޭސް ހާއްސަ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖޭ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ ރަންޔޫބީލާ ގުޅޭ ވަކި ޕްރެސް ކޮންފަރެންސް އެއްވެސް އޭޓީއެމް ހަރަކާތުގެ ހަވާސާގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އޭޓީއެމްގައި ބައިވެރިވުމުގެ ސަބަބުން މެދުއިރުމަތީ މާކެޓާއި، ދުނިޔޭގެ އެހެން މާކެޓްތަކުގެ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، ޓްރެވަލް ގައިޑްލައިން ތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ އިތުރުން، ރާއްޖެއަކީ މެދުއިރުމަތީގެ މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމެންޓުތައް ކަމަށްވާ ލަގްޒަރީ، ހަނީމޫން، ރޮމޭންޓިކް، ފެމިލީއަދި އެޑްވެންޗާގެ އިތުރުން މައިސްގެ ކްލައިންޓުންނަށް ރާއްޖެއިން ލިބޭ ހިދުމަތްތައް މި ހަރަކާތް މެދުވެރިކޮށް އިޝްތިހާރުކުރާނެއެވެ.