ލަންކާގައި ތިބި ދިވެހީންނަށް ވީ އެންމެ އަވަހަކަށް، އެހީވާން ދިވެހި ސަރުކާރަށް، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާ ޕީޕީއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަވަށްޓެރި ސްރީލަންކާގެ ސިޔާސީ، އިޤްތިސާދީ އަދި ދާޚިލީ ހާލަތު ބަދަލުވަމުންދާ ގޮތާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުމާއި މެދު އެޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

ސްރީލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ބޭނުން ހިފާ، ޤައުމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ޤައުމުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެގެން ދިއުމަކީ އެކޯލިޝަނާއި ދިވެހި އެންމެހާ ރައްޔިތުންގެ އުންމީދު ކަމަށެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި، ބޭނުންވާ އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ފޮޓޯ: ޑެއިލީ މިރަރ

ހަމައެއާއެކު، އެ ގައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތުން ބަލާ، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މިހާލަތުގައި އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހި ރައްޔިތުންނަށް އެފަދަ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖައްސައިދިނުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ޕީޕީއެމްއިން ވަނީ ބަދަލުވަމުންދާ ހަލާތާއި ގުޅިގެން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް އެޤައުމުގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.

އަވަށްޓެރި ސްރީލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. ތައުލީމް އުނގެނުމަށާއި ބޭސްފަރުވާގެ އިތުރުން ވިޔަފާރި ކުރުމަށް ވެސް ދިވެހިން ދަތުރުކުރާ ޤައުމަކަށް ވާއިރު، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ވަނީ ރާއްޖެއަށް ބަދަލުވެފައެވެ.

އަދި އެޤައުމުގެ މިހާރުގެ ހާލަތާއި ގުޅިގެން ލަންކާގައި މިހާރު ދިރިއުޅޭ ބައެއް ދިވެހިން ވަނީ އެ ޤައުމު ދޫކޮށް މާލެ ބަދަލުވާން ފަށާފައެވެ.