ކޮވިޑް އަދިވެސް އެބައުޅޭ ކަމަށާއި އެހާ އަވަހަށް ކޮވިޑުން ސަލާމަތް ވެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ ޑރ. ފައިސަލް ކުރެއްވި ޓުވީޓުގައި ވަނީ ކޮވިޑް އަދިވެސް އެބައުޅޭ ކަމަށާއި އެހެންކަމުން ކުޑަކުދިންނަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދީފައިވަނިކޮށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް އިއްޔެ ވިދާޅުވީ ކޮވިޑް އަދިވެސް ރާއްޖޭގައި އެބައުޅޭ ކަމަށެވެ. އަދި އެ ރޯގާ އެހާއަވަހަށް ނިމުމަކަށް ނާންނާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ހަމައެއާއެކު އެރޯގާ އަކީ ކުޑަކުދިންނަށް އަދިވެސް ނުރައްކަލެއްކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.

"އިއްޔެނޫން އިހައްދުވަހު ހުމާއެކު ފިޓުޖެހިގެން އައި ކުއްޖަކު ޓެސްޓުކޮށްލީމަވެސް ކޮވިޑަށްވީ. އެކުދިން ބަލާލައިގެން ގެންގުޅޭތި."
ޑރ. ފައިސަލް

ދެ އަހަރެއްހާ ދުވަހަށް ފަހު ރާއްޖޭގައި އިއުލާންކޮށްފައިވާ ކޮވިޑްގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މާރޗް މަހުގެ 13 ވަނަ ދުވަހު އުވާލާފައެވެ. އެއާއެކު ކޮވިޑުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތައްވަނީ އުވާލާފައެވެ. އަދި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. މީގެއިތުރުން ރަށްރަށަށް ދަތުރުކުރާއިރު ނުވަތަ ރާއްޖެ އަންނައިރު މިހާރު ޕީސީއާރު ޓެސްޓުވެސް ބޭނުންނުވާ ގޮތަށް ވަނީ ނިންމާފައެވެ.

އެހެންނަމަވެސް ރައްކާތެރިކަމަށްޓަކާ މާސްކު އެޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް ފެތުރެން ފެށިފަހުން ފާއިތުވެދިޔަ ދެއަހަރުތެރޭގައި ރާއްޖެއިން މިބައްޔަށް އެއްލައްކަ ހަތްދިހަ ނުވަ ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މިބަލީގައި ރާއްޖެއިން ވަނީ 298 މީހަކު ނިޔާވެފައެވެ.