ސްރީލަންކާގައި އިއްޔެ ފެށުނު ވަރުގަދަ ކުރިމަތިލުންތަކުގައި މިހާތަނަށް 7 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހަތްމީހުން މަރުވުމުގެ އިތުރުން 220 އަށްވުރެ ގިނަމީހުން ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެންދެވި ފަރުވާ ދެމުންގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ފުރަތަމަ ބަޑިޖެހުމުގެ ހާދިސާއެއް ހިނގާފައިވަނީ ވީރަކެޓިޔާ ޕްރަދެޝިޔާ ސަބާގެ ޗެއަރމަންގެ ގޭގައެވެ. މި ހަމަލާގައި ވަގުތުން 2 މީހުން މަރުވިއިރު 5 މީހުން ޒަޚަމްވިއެވެ. މި ހަމަލާގައި ޒަޚަމްވި ޕްރަދޭޝިޔާ ސަބާގެ ޗެއަރމަން ސަރަތު ކުމާރައަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭގައިވަނީ މަރުވެފައެވެ.
މީގެއިތުރުން، ބޮޑުވަޒީރުގެ އޮފީހުގެ ބޭރުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި ކަރުނަގޭސް ބަޑިއެއް ގޮވުމުގެ ސަބަބުން ފުލުހުން ސަބް އިންސްޕެކްޓަރެއްވެސް މަރުވެފައިވާ ކަމަށް ފުލުހުން މީޑިއާއަށް ކަށަވަރު ކޮށްދީފައިވެވެ.
މުޅި ސްރީލަންކާގައި އިއްޔެ ވަރުގަދަ ތަޅާފޮޅުންތަކާއި، ހަމަނުޖެހުންތައް ފެށިގެންދިޔައީ، ސަރުކާރާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެއް ކުރަމުންދިޔަ މީހުންނަށް، މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން ހަމަލާދިނުމާ ގުޅިގެންނެވެ.
މިކަމާ ރުޅިއައިސްގެން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ އެތައްހާސް އާންމުން ވަނީ ރަށުގެތެއަށް ނުކުމެ މަހިންދަ ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުންގެ ގެތަކާއި، އެމީހުންގެ ވެހިކަލްތަކުގައިވެސް ހުޅުޖަހައި އަންދާލާފައެވެ. އަދި އަތުޖެހުނު ޕާލަމެންޓް މެމްބަރަކަށް ބޮޑެތި އަނިޔާތައް ދަނީ ދެމުންނެވެ.
އަދި މަހިންދަ ރާޖަޕަކްސައާއި އެ އާއިލާއަށް ނިސްބަތްވާ ބައެއް ގެތަކާއި ތަންތަނާއި، ވެހިކަލްތަކުގައިވެސް ހުޅުޖަހާފައިވެއެވެ.
އަނެއްކޮޅުން، ފުލުހުން ބުނެފައިވަނީ، ގޯލްފޭސްގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދިޔަ މީހުންނަށާއި، ޓެމްޕަލް ޓްރީ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ އާންމުންނަށް ދިން ހަމަލާތައް ތަހްގީގުކުރަން ކްރިމިނަލް އިންވެސްޓިގޭޝަން ޑިމާޓްމަންޓާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
މަހިންދަ ރާޖަޕަކްސަގެ ސޕޯޓަރުން ގޯލްފޭސްއަށް އަރައިގަތް މަންޒަރު ފެންނަ އެތައް ވީޑިއޯއެއް މިހާރުވަނީ އާންމުވެފައި،، ހަމަލާ ދިނުމުގައި އިސްކޮށް ހުންނެވީ ސަރުކާރަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރު ސަނަތު ނިޝާންތާއެވެ. އަދި ފުލުހުންގެ އިސް ބޭފުޅުންތަކެއް އެމީހުން ހުއްޓުވަން ހުރަސްނާޅައި ދިޔަދޭ މަންޒަރުތައްވެސް ވީޑިއޯތަކުން ފެނެއެވެ.
ގޯލްފޭސްގައި މުޒާހަރާ ކުރަމުންދިޔަ އާންމުންނަށް ހަމަލާ ދިނުމަށް މަހިންދަ ރާޖަޕަކްސަ ނެރުނު ގްރޫޕްގައި ޖަލުތަކުން ނެރުނު ގައިދީން ހިމެނޭކަމުގެ ރިޕޯޓްތައް އާންމުވެ މައްސަލަ އިތުރަށްވަނީ ހޫނުވެފައެވެ.
އިއްޔެއާއި ރޭގައި ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން ސްރީލަންކަ ހިއުމަން ރައިޓްސް ކޮމިޝަނުން މިހާރުވަނީ، އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސްއާއި، ސިފައިންގެ ކޮމާންޑަރ، އެ އިދާރާއަށް ހާޟިރުވުމަށް އަންގާފައެވެ. އެދެ ބޭފުޅުން ހާޟިރުކުރަނީ އިއްޔެ ހިނގި ކުރިމަތިލުންތައް ހުއްޓުވުމުގައި ފެއިލްވީ ކީއްވެގެންތޯ ސުވާލު ކުރުމަށް ކަމަށް ސްރީލަންކާ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވެއެވެ.