މަހިންދަ ރާޖަޕަކްސަ ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައި ނުގަންނަވާނެ ކަމަށް މަހިންދަ ރާޖަޕަކްސަގެ ފިރިހެން ދަރިކަލުން އަދި ސްރީލަންކާ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އޭއެފްޕީން ކުރިން ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަހިންދަ ރާޖަޕަކްސަ ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށް އޭނާގެ ދަރިކަލުން ނަމާލް މި ވިދާޅުވީ، ކޮޅުނބުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީ ކައިރީގައި ރޭގައި ކުރި މުޒާހަރާ ހޫނުވެ އަސްކަރީ ހެލިކޮޕްޓަރެއްގައި މަހިންދަ ރާޖަޕަކްސައާއި އާއިލާ ރައްކާތެރި ތަނަކަށް ގެންދިއުމާ ގުޅިގެންނެވެ.
މަހިންދަ ރާޖަޕަކްސައާއެކު ސްރީލަންކާ އެއަރފޯސް ހެލިކޮޕްޓަރުގައި އޭނާގެ 3 ފިރިހެން ދަރިކަލުން ކަމަށްވާ ނަމާލް، ޔޯޝިތާ އަދި ރޯހިތާވެސް ވަޑައިގެންނެވިކަން އާންމުވެފައިވާ ފޮޓޯތަކުން އެނގެއެވެ.
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް މަހިންދަ ރާޖަޕަކްސައާއި އާއިލާ ޓެމަޕަލް ޓްރީ ދޫކުރައްވައި ވަޑައި ނުގަންނަވާތީ، ރުޅިއައިސްފައިވާ އާންމުން ރޭގައި މަސައްކަތްކުރީ ސަލާމަތީ ފެންސުތައް ހަލާކުކޮށް އެތެރެއަށް ވަދެގަތުމަށެވެ. ކުރިމަތިލުން ވަރުގަދަކަމުން އާންމުންގެ ބަޔަކާއި ފުލުހަކުވެސް މަރުވިއެވެ.
އަސްކަރީން މަހިންދަ ރާޖަޕަކްސަ ގެންދިޔައީ ކަނޑުގެ ސިފައިންގެ ބޭސްއެއް ކަމަށްވާ ޓްރިންކޮމަލީ ނޭވީ ބޭސްއަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅިގެން ސްރީލަންކާގެ އާންމުން މިހާރު ގެންދަނީ ޓްރިންކޮމަލީ ނޭވީ ބޭސްގެ ބޭރުގައި މުޒާހަރާ ކުރަމުންނެވެ. އެމީހުން ގޮވަމުންދަނީ މަހިންދަ ރާޖަޕަކްސަ އެތަނުން ބޭރަށް ނުކުމެވަޑައި ގަތުމަށެވެ. އަދި އޭނާއަށް ރައްކާތެރިކަން ދިނުން ހުއްޓާލުމަށް ކަނޑުގެ ސިފައިންނަށް ގެންދަނީ އަންގަމުންނެވެ.
މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވިދާޅުވީ، ބައްޕާފުޅު ހުންނެވީ ހެޔޮ ހާލުގައި ރައްކާތެރި ތަނެއްގައި ކަމަށާއި، އާއިލާއާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނަމާލް ރާޖަޕަކްސަ ވިދާޅުވީ، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާގެ ބައްޕާފުޅު ޕާލަމެންޓުގައި ތަމްސީލުކުރައްވާ ގޮނޑިން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
އަދި ބައްޕާފުޅަށްފަހު ދެން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުވުމުގައި އެކްޓިވް ދައުރެއް އަދާކުރައްވަން ބައްޕަފުޅު ބޭނުންފުޅުވާ ކަމަށްވެސް ނަމާލް ވިދާޅުވިއެވެ.
ސްރީލަންކާގައި އިއްޔެއާއި ރޭގައި ހިނގައިދިޔަ ވަރުގަދަ ހަމަނުޖެހުންތަކުގެ ޒިންމާ ގިނަބަޔަކު އަޅުވަނީ މަހިންދަ ރާޖަޕަކްސަގެ އިސްތަށިފުޅުގައެވެ. އެއީ، މަހިންދަ ރާޖަޕަކްސަގެ ޕާޓީގެ ސަޕޯޓަރުން ގޯލްފޭސްއާއި ޓެމްޕަލް ޓްރީ ކައިރީގައި މުޒާހަރާކުރަމުންދިޔަ އާންމުންނަށް ހަމަލާތައް ދޭންފެށީ، މަހިންދަ ރާޖަޕަކްސައާ ބައްދަލު ކުރުމަށްފަހު ކަމަށްވާތީއެވެ. އެ ބައްދަލުވުމުގައި ނަމާލްވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.