ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ސްމޯލް ގްރާންޓްސް އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެއެވެ.

މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށްވަނީ ހަމަޖެހިފައެވެ. 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ "ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބިގެންދާނެކަމަށެވެ.

މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި، އުންމީދަކީ މިދާއިރާގައި މަސައްކަތްކުރާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރުން ކަމުގައި އޭނަ ވިދާޅުވިއެވެ.

މި ފަންޑިންގ އަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިންގ އަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/bml-small-grants އިން ލިބޭނެއެވެ.