މިވަގުތު ގައުމަށާއި ޕާޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް] އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ-ޕީޕީއެމް އިއްތިހާދެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ-ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސްކަން ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޕީޕީއެމަށް ބަދަލުތަކެއް ގެނެވި، އެ ބަދަލުތަކަކީ އިންޑިއާ އައުޓް ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ މިއުޒިކަށް ވެސް އެއްބަސްވާ ބަދަލުތަކަކަށްވެ، އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ-ޕީޕީއެމް އިއްތިހާދެއް އުފެއްދެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިންނެވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީ އެހެން މިސްރާބަކަށް ގެންގޮސް ޕީޕީއެމާއެކު މަސައްކަތްކުރައްވަން ބޭނުންވާކަން ފައުޅުކަންބޮޑު ގޮތެއްގައި މިހާރު އަންނަނީ ހާމަ ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން ކުރިއަށް ދެވެން އޮތީ ޕީޕީއެމް ފަދަ މެދުމިނުގެ ފިކުރަށް ތާއީދުކުރާ ބަޔަކާއެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ޖަވާބުދެއްވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑަައިގަންނަވާ ފޭދޫ ދާއިރާގެ މެމްބަރު ވިދާޅުވީ، އެމްޑީޕީން އުފެއްދި ސަރުކާރެއް ރައީސް ޔާމީނާ ގުޅިގެން ވައްޓާލުމަކީ ލިބިގެންދާނެ ބޮޑު ގެއްލުމެއް ކަމަށެވެ. އެހާ ހިސާބުން [އެމްޑީޕީއަށް] ދެން ވެރިކަމަށް އައުމުގެ ފުރުސަތު ރައީސް ޔާމީންމެން [ޕީޕީއެމް-ޕީއެންސީން] ނުދޭނެ ކަމަށް މެމްބަރު ނިހާދު ވިދާޅުވިއެވެ.

އޭނާ [ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސްކަން ފާހަގަކުރައްވާ، ނިހާދު ވަނީ އެ ފަދައިން ކަން ނުކުރުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

"އޭނާ [ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް. ތިޔަހެން ނުހައްދަވާ ރައީސް"
މުހައްމަދު ނިހާދު / ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މެންބަރު އަދި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތު ކަމަށެވެ.

އިތުރަށް ވިދާޅުވީ އިދިކޮޅުން އެމްޑީޕީއާ ގުޅޭތަން ކުޑަކޮށް ވެސް ނުފެންނަ ކަމަށާއި ރައީސް ނަޝީދު އިދިކޮޅުގެ ސިޔާސަތުތައް ގަބޫލުކުރައްވާނަމަ އެކަން އެގޮތަށް ކުރައްވައިގެން ހުންނެވުމަށް އެދޭ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަން ނޫނަސް ވަރަށް ބައިވަރު ސިޔާސީ ޕާޓީތައް އެބަހުރި ކަމަށާއި އަދި އުފެދެމުންދާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ އެޕާޓީތަކުގެ އެހީ ހޯއްދެވުމަށް ނަޝީދު ވަޑައިގަންނަވަންވީ ނޫންތޯ ކަމަށް ބުނެ ސުވާލު އުފައްދަވާފައެވެ.