ޕާޓީ ތެރޭގައި މިނިވަންކަމާއެކީގަ ވޯޓު ލުމުގެ ހައްގު މިވަނީ ކޮންމެވެސް ވަރަކަށް ހަނިކުރެވިފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާއި ގުޅޭގޮތުން އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ އަބަދުވެސް އެމްޑީޕީން ވަކާލާތު ކުރާ ކަމެއް ކަމަށާއި ޚާއްސަކޮށް އެތެރޭގެ އިންތިޚާބުތައް މިނިވަންކަމާއެކީގައި ބޭއްވުމަކީ އަބަދުވެސް ވަކާލާތުކުރާ ކަމެއް ކަމަށެވެ.
ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަންކަން ކުރަމުންދާ ކަމުގެ ތުހުމަތުކޮށް ހަސަން ވިދާޅުވީ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް އެކި ގޮތްގޮތުން ބިރު ދައްކަމުންދާ ކަމަށެވެ.
އިންސާފުވެރިކަމާއެކު އިންތިހާބު ބާއްވަން އެންމެ ބޮޑު މަސައްކަތްތަކެއް ކުރަންޖެހެނީ ވޯޓުލާ ދުވަހު ކަމަށާއި ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން މިހާރު އިއުލާން ކޮށްފައިވާ ގޮތަށް ކަންތައްތައް ކުރިއަށްދޭތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިގެ ކެމްޕެއިން ޓީމުގައި ހިމެނޭ މަންދޫބުންނާއި އޮބްޒާވަރުންނަށް ކިޔައިދީފައިވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ވޯޓުލުުމާ ގުޅޭގޮތުން އެމްޑީޕީން ކަނޑައެޅި އުސޫލު ބުނާގޮތުން މި އިންތިހާބުގައި ވޯޓުލާ މީހުން ވޯޓިން ބޫތަށް ވަންނައިރު ފޯނު ވެއްދޭނެ ކަމަށާއި އެއީ ވަރަަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އަދި އެނޫން ގޮތަކަށް އެކަން ބަދަލު ކުރުމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ ރައީސްއާ މަޝްވަރާކޮށް، ބަދަލު ގެނައުމަށް ލިޔުމުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއަށް އަދި އެއްވެސް ބަދަލު ނާންނަ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.