ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭފުޅުން ޖަލަށްލި ވާހަކަ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން ދައްކަވާތީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކޯފާވެއްޖެއެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ އެ އެންމެން [ރައީސް ޔާމީންގެ ޒައާމަތުގައި ޖަލަށްލި ސިޔާސީ ބޭފުޅުން] ޖަލައްލީ "ހަތިމު ހިފައިގެން ކިޔަވަން ތިއްބާތޯ؟" ސުވާލު އުފައްދާފައެވެ.
ޝުޖާއު ވިދާޅުވީ އޭރު ޖަލަށްލި ބޭފުޅުންނަކީ ޤާނޫނީ ގޮތުން އުފެދިފައި އޮތް ވެރިކަމެއް ހަރާމް ބަގާވާތެއްގެ ތެރެއިން ވައްޓާލަން އުޅުނ ބައެއް ކަމަށެވެ. އެ ތުހުމަތަށް ފަހު އޭނާ ދެން ވިދާޅުވީ، މިއަދު ޕީޕީއެމް-ޕީއެންސީން އުޅެނީ އެ ފަދައިން މިވެރިކަން ވައްޓާލަން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ވެރިކަން ވައްޓާލަން އުޅޭނަމަ މިހާރު ތިބޭނީ ކުޑަ ދޫ ބުރިކޮށްފައި ކަމަށެވެ.
ޝުޖާއު ވިދާޅުވީ ފެނުނީ ބެނާ ގަނޑެއް ދަމާލީމަ ހޭއަރުވާލި މަންޒަރު ކަމަށެވެ. އެއަށް ފަހު މިއީ ޑިމޮކްރެސީ ހިނގާ ގައުމެއްތޯ ސުވާލު އުފެއްދެވިއެވެ.
ޝުޖާއު މި މޭރުމުން ޓްވީޓެއް ކުރެއްވި އިރު، އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް އަންގަވައި ރައީސް ނެރުއްވި ގަރާރާއެކު އެ ފަދަ ޝުއޫރުތައް ލިޔެފައި ހުންނަ ބެނާތަކާއި ދިދަތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ރައީސް ނެރުއްވި އެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަދި އެއީ ގައުމީ ސަލަމަތާ ގުޅުންހުރި ނުރައްކާތެރި ކަމެއް ކަމަށާއި ވަކި ގައުމަކާ ދެކޮޅަށް ހިންގޭ އެފަދަ ނަފުރަތު އުފެއްދުމުގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކުރެއެވެ.
"އިންޑިއާ އައުޓް" އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި އެ ގަރާރުގައި ފުރަތަމަ ވެސް ފާހަގަކުރެއެވެ.